Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ސިފިލިސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިފިލިސް ޖެހެނީ ސްޕައިރޫކީޓްގެ ވައްތަރެއްކަމަށްވާ ޓްރެޕޮނީމާ ޕެލީޑަމް (Treponema Pallidum)ކިޔާ ކުޑަކުޑަ ޖަރާސީމެއްގެ ސަބަބުންނެވެ. ސިފިލިސް އޭ ކިޔަނީ މިކުޑަކުޑަ ޖަރާސީމްގެ ސަބަބުން ހަށިގަނޑު ގައި އިންފެކްޝަން އަށަގަތުމަށެވެ.

ސިފިލިސް ޖައްސާ ޖަރާސީމް

ސިފިލިސް ޖައްސާ ޖަރާސީމް ހަށިގަނޑަށް ވަންނަގޮތް

[އުނިއިތުރު ގެންނަވާ]

ސިިފިލިސް ޖައްސާ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ސަލާމަތުން ހުރި ހަންގަނޑު އަދި ހަށިގަނޑުގައިވާ ތެތް ދުލިފަށްތައް ހުރަސްކޮށެވެ. ހަށިގަނޑަށް މިޖަރާސީމް ވަނުމާއެކު ލިމްފް ހޮޅިތަކަށް ވަދެ އިތުރުވެގެން ދެއެވެ. އެއަށްފަހު ލިމްފް ގޮށްތަކަށް ވާޞިލްވެ، ލޭގެ އާރުގެ ތެރެއަށް އެންމެ ފަހުން ވާޞިލް ވެއެވެ. މިޖަރާސީމް ހަށިގަނޑަށް ވަތް ހިސާބުގައި ފުރަތަމަ ފާރުކޮޅެއް އުފެދުމުގެ ކުރިން ލޭގެ ޒަރީއާއިން މުޅި ހަށިގަނޑުގައި މި ޖަރާސީމް ދައުރުވެ ފެތުރިގެން ދެއެވެ.


ސިފިލިސް ޖެހޭގޮތް

[އުނިއިތުރު ގެންނަވާ]
  • ބަލިޖެހިފައިވާ މީހަކާއެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުން
  • ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭއެޅުން
  • ނޭގުމެއްގެ ތެރޭގައި ވިޔަސް ނުވަތަ އޮޅިގެން ވިޔަސް ބަލި ޖައްސާ ޖަރާސީމް ހުރި ފާރުކޮޅެއްގައި ނުވަތަ ދިޔައެއްގައި ބީހުން
  • ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ކުޑަ ދަރިފުޅަށް ސިފިލިސް ޖެހުން ( އުފެދުމުގައި ސިފިލިސް ޖެހިފައިވުން )

ސިފިލިސް ވައްތަރުތައް ސިފިލިސްގެ ދެވައްތަރެއްވެއެވެ. އެއީ އަމިއްލަ އަށް ކުރާކަމަކުން ސިފިލިސް ޖެހުން ނުވަތަ އަމިއްލައަށް ލިބިގަންނަ ސިފިލިސް އާއި، އަދި އުފެދުމުގައި މައިމީހާގެ ފަރާތުން ކުޑަ ދަރިފުޅަށް ސިފިލިސް ޖެހިފައިވުމެވެ.

އަމިއްލައަށް ލިބިގަންނަ ސިފިލިސް (Acquired syphilis)

[އުނިއިތުރު ގެންނަވާ]

މިއީ މަތީގައި ބަޔާންކުރެވުނު ގޮތްތަކުގެ ތެރެއިން ފުރަތަމަ ތިން ގޮތުން ކުރެ ގޮތަކުން ސިފިލިސް ޖެހުމެވެ. މިވައްތަރު ހަތަރު މަރުޙަލާ އަކަށް ބަހާލެވިފައި ވެއެވެ.


ފުރަތަމަ މަރުޙަލާ

[އުނިއިތުރު ގެންނަވާ]

މިމަރުޙަލާގައި ތަދު އިހްސާސްނުވާ، ވަށްކޮށް ހުންނަ ރަތްކުލައިގެ ފާރުކޮޅުތަކެއް ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ބައިތަކުގައި (ފަރުޖު، އަންހެނާގެ ޖިންސީ ގުނަވަން، ރަހިމުގެ ދޮރު، ފިރިހެނާގެ ޖިންސީ ގުނަވަން) އުފެދެއެވެ. ބައެއް ފަހަރު ފުރަގަސް ފަރާތް، އިގިލިތައް، ވަށްގަނޑު، ދޫ، ތުންފަތް، އަދި ކަރުތެރޭގައި ވެސް މިފަދަ ފާރުކޮޅެއް އުފެދިދާނެއެވެ. މިފާރުކޮޅު ތަކަށް ކިޔަނީ ޝެންކަރ(Chancre) އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން ކުރިން ބުނި ޖަރާސީމް ހަށިގަނޑަށް ވަންނަތާ 6-2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް އާންމުވާން ފަށައެވެ. އާންމު ގޮތެއްގައި 8-2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް ލަކުނު އުފެދުމާއެކު ރަގަޅުވެގެން ދެއެވެ. މީގެ އިތުރުން މިމަރުހަލާގައި އުކުޅުވަޅު، އަދި ކަރުފަދަ ތަންތާގައި ގޮށްލުން ކުރިމަތި ކުރުވައެވެ. ދެތިން ހަފްތާގެ ފަހުން ނުވަތަ ދެމަސްވަރު ފަހުން ދެވަނަ މަރުޙަލާގެ ޢަލާމާތްތައް ފެންނަށް ފަށައެވެ.

ސިފިލިސް އާއި ގުޅިގެން އަތުގައި އުފެދިފައިވާ ޝެންކަރ އެއް

ދެވަނަ މަރުޙަލާ

[އުނިއިތުރު ގެންނަވާ]

މިމަރުހަލާގައި ހުންއައުން، ބޮލުގައި ރިހުން، ހިތް ނުތަނަވަސްވުން، ހުޅުތަކުގައި ރިހުން އަދި ގައިގައި ރިހުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. އަތްތިލަ އަދި ފައިތިލައިގައި މަޑު ރަތްކުލައަކަށް ފޮޅުތަކެއްގެ ސިފަޔަށް ހުންނަ އެކިވަރުވަރުގެ ބިހިތަކެއް ނަގައެެވެ. ބައެއް ފަހަރު މުޅި ހަށިގަނޑުގައި ވެސް މިބިތައް ނެގުމަކީ ވެދާނެ ގޮތެކެވެ. ހަމަ މިހެން ތެތް ހަން އެކުލެވޭ ހިސާބުތަކުގައި މިސާލަކަށް ފަރުޖު، ކިހިލި ފަތްދޮށް، އަދި އުރަމަތީގެ ދަށްފުށް(އުރަމަތީގެ ތިރިން ހަންގަނޑާއި ބީހިފައި ހުންނަބައި)، ގައި ވެސް ކަންޑްލޯމާ ލޭޓަމް އޭ ކިޔާ ބިހި ނުވަތަ ފޮޅުތަކެއް ފާޅުވެއެވެ.

އަތްތިލައާއި ފައިތިލައިގެ ހުދު ހަންގަނޑު ފޮޅޭގޮތް ވެއެވެ. ހަންގަނޑު ހުދުވުން، އަދި ބޮލުގެ ވަކި ހިސާބަކުން ފަތްފޭބުން، ނުވަތަ ތަލަވުން ކުރިމަތި ކުރުވައެވެ. ތެތް ދުލިން އުފެދިފައިވާ ޕެޗްތަކެއް ފާޅުވެއެވެ. ހަންގަނޑުގެ ސަތަޙައަށްވުރެ މައްޗަށް އުފުލިފައި ވަށް ނުވަތަ ކުކުޅު ބިސް ބުރުގެ ބައްޓަމަށް ހުންނަ މިޕެޗްތައް ހުދު ނުވަތަ އަޅިކުލައިގެ ފަށަލައަކުން ނިވާކުރެވިފައިވާއިރު ވަށައިގެން ރަތްކުލައިގެ ރޮގެއް ނުވަތަ ބޯޑަރެއް ލެވިފައިވެއެވެ.

ބައެއް ފަހަރު މިބުނި ޕެޗްތައް ފެޅި ފާރުކޮޅަކަށް ބަދަލުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިބުނި ޕެޗްތަކާއި ފާރުކޮޅުތައް އުފެދެނީ އަނގަ، ނޭފަތް ،އަދި ޖިންސީ ގުނަވަން އެކުލެވޭ ހިސާބުގައިވާ ތެތް ދުލިފަށްތަކުގައެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ލިމްފް ގޮށްތައް ދުޅަވުމަކީ ނުވަތަ ގޮށްލުމަކީ ވެދާނެ ގޮތެކެވެ. ފުރަމޭ ދުޅަވުން، ސިކުނޑި ދުޅަވުން، ގުރުދާ ދުޅަވުން، އަދި އަޑު ކުރަކިވުން ، ފަދަ ކަންކަމަކީ ވެސް މިމަރުހަލާގައި ކުރިމަތިވެދާނެ ކަންކަމެވެ. ހަމަ މިހެން ހުންކޮށި ބޮޑުވުމަކީ ވެސް ވެދާނެ ގޮތެކެވެ.


ހިމޭން މަރުޙަލާ

[އުނިއިތުރު ގެންނަވާ]

މިމުއްދަތުގައި އެއްވެސް ޢަލާމާތެއް ނުފެނި ހުރެއެވެ. ކުރިން ފެނިދިޔަ އަލާމާތްތައް ފިލައި ދިއުމަށް ފަހުވެސް ބަލި ޖައްސާ ޖަރާސީމް ހަށިގަނޑުގައި ހިމޭންވެފައި ނުވަތަ ހަރަކާތެއް ނެތް އެއްޗެއްގެ ގޮތުގައި ދެމިތިބެއެވެ.


ފަހު މަރުޙަލާ

[އުނިއިތުރު ގެންނަވާ]

މިއީ ބަލީގެ ޢަލާމާތްތައް ފިލައި ނެތިދިއުމަށްފަހު އަހަރުތަކެއް ފަހުން ބަލީގެ ޢަލާމާތްތައް އަނެއްކާވެސް ފެންނަށް ފެށުމެވެ. މިކަން ދިމާވަނީ ކުރިން ބުނި ހިމޭންކަންމަތީ ދެމިތިބި ޖަރާސީމްތައް އަލުން އާރޯކަމާއެކު ހަރަކާތްތެރިވާން ފެށުމުންނެވެ. 10-2 އަހަރާއި ދެމެދުގެ މުއްދަތަކަށް ދެމިގެންދާ މިމަރުޙަލާ ދެވައްތަރަކަށް ބެހިގެން ވެއެވެ.


ޑިފިއޫޒް ސިފިލިޓިކް އިންފްލެމޭޝަން
[އުނިއިތުރު ގެންނަވާ]

މިއީ ދެވަނަ ވައްތަރު ގަމާއަށްވުރެ ޢާންމުކޮށް ކުރިމަތިވާ ވައްތަރެކެވެ. މިވައްތަރުގައި ކޭސިއޭޝަން އުފެދޭ މިންވަރު މަދުވެފައި ލަސްވެސް ވެއެވެ. މިވައްތަރު ކުރިމަތިވަނީ އަޑުފޮށި، އުރަވަޅި، ކަށިތައް، އަދި ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ތަކަށެވެ.


މިއީ ވަކިތަންތާގައި ސިފިލިސް އާ ގުޅިގެން ގްރެނިއުލޭޝަން ޓިޝޫ އުފެދުމަށްފަހު ލަސްލަހުން އެތާގައި ކޭސިއޭޝަން އުފެދުމާއެކު، ޓިޝޫ ނުވަތަ ސެލްތައް މަރުވުމާއެކު ފާރުގަނޑެއްގެ ސިފަޔަށް ބޮޑުވުމެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ވެސް ގަމާ(Gumma) އުފެދުމަކީ ވެދާނެ ގޮތެކެވެ. އެންމެ ޢާންމުކޮށް އުފެދެނީ ފުރަމޭ، ސިކުނޑީގެ ވަށައިގެންވާ ދުލިފަށްތައް، ކަށިތައް، ދޫ ، އުރަވަޅި، ހިތް، އަދި ފުއްޕާމޭ ގައެވެ.

ނޯޓް: ކޭސިއޭޝަން:(Caseation)މިއީ ސެލްތައް މަރުވުމުގެ ސަބަބުން ޗީޒް ގަނޑެއް ފަދަ އެއްޗަކަށް އެހިސާބުގެ ޓިޝޫތައް ބަދަލުވުމެވެ. މިބަސް ނެގިފައިވަނީ ކޭސީން(Casein) އިންނެވެ. ކޭސީން އަކީ ކިރު،ޗީޒް، ޔޯގަޓް ފަދަ ތަކެތީގައި ހިމެނޭ މައިގަނޑު ޕްރޮޓީން އެވެ.

ސިފިލިސްގެ އަސަރު ހަށިގަނޑުގެ ބައިތަކަށް ފޯރުން

[އުނިއިތުރު ގެންނަވާ]

ސިފިލިސްގެ އަމިއްލަ އަށް ލިބިގަންނަ ވައްތަރުގެ ފަހު މަރުޙަލާގައި ސިފިލިސްގެ އަސަރު މުޅި ހަށިގަނޑުގެ ތަފާތު ބައިތަކަށް ފޯރައެވެ. މިގޮތުން ހަށިގަނޑުގެ ބައެއް ބައިތަކަށް ސިފިލިސްގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.


ހިތާއި ލޭހޮޅިތަކުގެ ނިޒާމް

[އުނިއިތުރު ގެންނަވާ]

ސިފިލިސްގެ ސަބަބުން ހިތުގެ އެއްބައި އަނެއްބަޔާއި ވަކިކޮށްދޭ ހުރަސް ނުވަތަ ފާރު ގައި ގަމާ އުފެދުމަކީ ވަރަށް ޢާންމު ކަމެކެވެ. އަދި ހިތުގެ ބޭރުން ލެވިފައިވާ ދުލިފަށަލަ، އަދި ހިތުގެ އެތެރޭގައިވާ މަސް ފަށަލަ ދުޅަވުން ފަދަ ކަންތައް މެދުވެރިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަދި ހަށިގަނޑުގެ ކޮންމެ ހިސާބެއްގައިވާ ލޭހޮޅިއެއް ވެސް ސިފިލިސްގެ ސަބަބުން ހަލާކުވުމަކީ ވަރަށް ގާތްކަމެކެވެ.

ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ މައި ލޭހޮޅި ހަލާކުވުމަކީ ވެސް ދިމާވާ ގޮތެކެވެ. މިކަން ކުރިމަތިވަނީ ސިފިލިސްގެ އަސަރު ފުރަތަމަ ފެންނަތާ 20-5 އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ސިފިލިސްގެ ސަބަބުން އެންމެ އާންމުކޮށް އަސަރު ފޯރަނީ މިބުނި ލޭހޮޅީގެ މޭމަތި ހިމެނޭ ހިސާބުގައިވާ ބަޔަށެވެ.


ސިކުނޑިއާއި ނާރުތަކުގެ ނިޒާމް

[އުނިއިތުރު ގެންނަވާ]

މިބަޔަށް ސިފިލިސްގެ އަސަރު ފޯރަނީ އެންމެ ފުރަތަމަ ސިފިލިސްގެ އަސަރު ފެންނަތާ 10 އަހަރު ފަހުން ސިފިލިސް ޖެހޭމީހުންގެ އެންމެ 2 އިންސައްތަ މީހުންނަށެވެ. ސިކުނޑިއާއި، ސްޕައިނަލް ކޯޑަށް ލޭފޮނުވައިދޭ ލޭހޮޅިތައް ދުޅަވުން، އަދި ސިކުނޑިއާއި ސްޕައިނަލް ކޯޑް ވަށައިގެން ލެވިފައިވާ ދުލިފަށްތައް ދުޅަވެ، އެއިން ކުރިފަޅައި ނިކުމެފައިވާ ނާރުތަކަށް ފިތުމުގެ ސަބަބުން ބައެއް ފަހަރު އައްސިވުމާއި ވާގިނެތުން ކުރިމަތި ކުރުވައެވެ.


ޓޭބީޒް ޑޯސަލިސް
[އުނިއިތުރު ގެންނަވާ]

މިއީ ސިފިލިސްގެ ސަބަބުން ސްޕައިނަލް ކޯޑްގެ ފަހަތު ކޮލަމްގެ ނާރު ފައިބަރުތައް، އަދި އެހިސާބުން ނިކުމެފައިވާ ނާރުގެ ބުޑުތައް، އަދި ކްރެނިއަލް ނާރުތައް ހަލާކުވުމެވެ. ޚާއްޞަކޮށް ކަރާއި އުނަގަނޑު ހިމެނޭ ހިސާބުގެ ސްޕައިނަލް ކޯޑްގެ ފަހަތު ކޮލަމް، އަދި އެހިސާބުން ނިކުމެފައިވާ ނާރުގެ ބުޑުތަކުގައި ނާރު އުފެދިފައި ހުންނައިރު ވަށައިގެން ލެވިފައި ހުންނަ ފަށަލަMyelin))ނެތިގޮސް އެބައިތައް ބައިބައިވާގޮތް ވެއެވެ. މިހެންވުމުން އެހިސާބުގައި އެސްޓްރަސައިޓް އޭކިޔޭ ސެލްތައް ގިނަ ޢަދަދަކަށް ޖަމާވާގޮތް ވެއެވެ.


ވާވުން، ވާގިނެތުން، ބާރު ދެރަވުން
[އުނިއިތުރު ގެންނަވާ]

މިއީ ސިކުނޑީގެ ބޭރަށް ފެންނަ ހުންނަ ބައި(Cortex) ސިފިލިސް ގެ ސަބަބުން ހަލާކުވުމުން މެދުވެރިވާ ކަމެކެވެ. ޚާއްޞަކޮށް ކުރިމަތި، އަދި ދެއަރިމަތީގައިވާ ސިކުނޑީގެ ލޯބްތަކުގެ ޓިޝޫތައް މަރުވެ، އެބައިތަކަށް ލޭހިލުން، އަދި އެސްޓްރަސައިޓްތައް ގިނަ އަދަދަކަށް އެހިސާބުގައި ޖަމާވާގޮތް ވެއެވެ. ސިކުނޑީގެ ބޭރަށް ފެންނަން ހުންނަ ބައިގައިވާ އޮޅުންތައް ނުވަތަ އޮޅި އުފުލިފައި ހުންނަތަންތަން(Gyrus) ފަތިވެ، އަދި އެއޮޅުންތަކުގެ މެދުގައިވާ ހުސްތަން ނުވަތަ އަޑިގަނޑުތައް(Sulcus) ފުޅާވާގޮތް ވެއެވެ.

ނޭވާލުމުގެ ނިޒާމް

[އުނިއިތުރު ގެންނަވާ]

ސިފިލިސްގެ ސަބަބުން އަޑުފޮށީގައި ގަމާ ނުވަތަ ސިފިލިޓިކް އިންފްލެމޭޝަން ވެސް އުފެދިދާނެއެވެ. އޭގެ ސަބަބުން އަޑުފޮށީގައި ފައިބަރަސް ޓިޝޫ އުފެދި، އަޑު ފޮށި ހަނިވެ، ބެދޭގޮތް ވެއެވެ. ވައިނޮޅި އަދި ވައިނޮޅީގެ ކަފީގައި ވެސް ކުރިން ބުނި ދެކަންތައް މެދުވެރިވެ، އެދެތަންވެސް ހަނިވުމަކީ ވެދާނެ ގޮތެކެވެ. ފުއްޕާމެޔަށް ވެސް ބަޔާންކުރެވުނު އުސޫލުން ސިފިލިސްގެ އަސަރު ފޯރައެވެ.


ހަޖަމުކުރުމުގެ ނިޒާމް

[އުނިއިތުރު ގެންނަވާ]

ދުލުގައި ފައިބަރަސް ޓިޝޫ އުފެދޭލެން ގިނަވެ، ދުލުގައި ހުދު ޕެޗެއް ނުވަތަ ފަށަލައެއް ލައެވެ. ދުލުގެ ދަށްފަށުގައި ގަމާ އުފެދުމުން ގޮށްގަނޑެއް ފަދަ އެއްޗެއް އުފެދެއެވެ. މިބުނި ގޮށްގަނޑު ފަހުން ފެޅި ފާރުކޮޅަކަށް ވުމަކީ ވެސް ވެދާނެ ގޮތެކެވެ. ދުލުގައި ސިފިލިސް އާއި ގުޅިގެން އުފެދޭ މިބުނި ދެކަމަކީ ވެސް ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު އޮތް ދެކަންތަކެވެ. ފުރަމޭގައި ވެސް އެކެއް ނުވަތަ ބައިވަރު ގަމާތައް ސިފިލިސްގެ ސަބަބުން އުފެދޭގޮތް ވުމަކީ ގާތް ކަމެކެވެ.


ވަރަށް މަދުން ދިމާވާ މިޙާލަތުގައި އުރަވަޅި އާއި އޮށް ބޮޑުވެ، ރިއްސާގޮތް ވެއެވެ. އަދި އޮށުގެ އިހްސާސް ގެއްލިގެންދާގޮތް ވެއެވެ. ގަމާ ޢާންމުކޮށް އުފެދެނީ އުރަވަޅީގެ ކުރިމަތި ފަރާތުގައެވެ.

އެންމެ ކަށިގަނޑަކަށް ނުވަތަ އެއަށްވުރެ ގިނަ ކަށިތަކަށް އެއްފަހަރާ ވެސް ސިިފިލިސްގެ އަސަރު ފޯރައިފާނެއެވެ. އެންމެ އާންމުކޮށް އަސަރު ފޯރަނީ ބޮލުގެ ނާށިގަނޑު، މޭމަތީގެ ކަށިތައް ކުރިމަތިން ގުޅިފައިވާ ފަތި ކަށިގަނޑު، ފައިގެ ކަކުލު ހުޅާއި ތަބިކައްޓާއި ދެމެދުގައިވާ ޓިބިއާ، އަދި ފިބިއުލާ އޭކިޔޭ ދެކަށިގަނޑު، ފައިގެ ފަލަމަސްގަނޑާވީ ހިސާބުގައިވާ ދިގު ކަށިގަނޑު، އަދި އަތުގެ މުލައްދަނޑީގެ ކަށިގަނޑަށެވެ.

ކަށިތަކުގެ ބޭރު ފަށަލަ ދުޅަވުން، ކަށިތަކުގައި އިންފްލެމޭޝަން އުފެދި ހަލާކުވުން ކުރިމަތި ކުރުވައެވެ. ކަށިތައް އޭގެ ސައިޒުން ބޯވެއެވެ. މިއީ ކަށީގެ އާ ޓިޝޫތައް އުފެދޭތީ ވާގޮތެކެވެ. ސިފިލިސްގެ އަސަރު ބޮޑަށް ފޯރަނީ ކަށިގަނޑުގެ ދެކޮޅުގައިވާ ބަޔަށްވުރެ ބޮޑަށް ކަށިގަނޑުގެ މެދުގައިވާ ބައި(Diaphysis) އަށެވެ.

ކަށިތަކުގައި ގަމާ އުފެދެނީ ވަރަށް މަދުންނެވެ. އެންމެ އާންމުކޮށް އުފެދެނީ ބޮލުގެ ނާށިގަނޑު އަދި މޭމަތީގެ ކަށިތައް ގުޅިފައިވާ ފަތިކަށިގަނޑު ގައެވެ. ގަމާ އުފެދި ކަށިގަނޑުގެ ސަތަޙަ ހަލާކުވުމުން ހުންނަނީ އެއްޗެއް ފަނިކައިފައި ހުންނަ ސިފަޔަށެވެ. ނޭފަތުގެ ދެހިނދުރި ވަކިކުރާބައިގައި ގަމާ އުފެދުމުން ނޭފަތުގެ ބްރިޖް އަޑިއަށް ގޮސް އަސްދާނު ގޮނޑިއެއްގެ ސިފަޔަށް(Saddle nose) ނޭފަތުގެ ބައްޓަން ބަދަލުވެއެވެ.


ވަރަށް މަދުން ނޫނީ ދިމާނުވާ މިހާލަތުގައި އެންމެ އާންމުކޮށް އަސަރު ފޯރަނީ ކަކުލު ހުޅާއި ކޮނޑު ހުޅަށެވެ. ހުޅުތައް ދުޅަވެ، ރިއްސައި، ހުޅުތަކުގެ ތެރެއަށް ފެން ފޭދުން(Hydroarthrosis) ކުރިމަތި ކުރުވައެވެ.

އުފެދުމުގައި ޖެހިފައިހުރި ސިފިލިސް (Congenital syphilis)

[އުނިއިތުރު ގެންނަވާ]

މިއީ ސިފިލިސް ޖެހިފައިވާ މީހަކު ބަލިވެ އިނުމުން ބަނޑުގައިވާ ދަރިފުޅަށް ސިފިލިސްގެ އަސަރު ކުރުމެވެ. ނުވަތަ ސިފިލިސް ޖެހުމެވެ. ފަރުވާ ނުކޮށް ހުރިނަމަ ސިފިލިސް ޖެހޭތާ ފުރަތަމަ ދެއަހަރުގެ ތެރޭގައި މައިމީހާގެ ކިބައިން ކުޑަ ދަރިފުޅަށް ސިފިލިސް ޖެހިދާނެއެވެ. މިގޮތުން ސިފިލިސް ޖެހެނީ ފުރަތަމަ ހަތަރު މަސް ފާއިތުވާ ފަހުންނެވެ. އެއީ ބަނޑުގައި އުފެދިފައިވާ މަހުގައިވާ ލެންގހެންސް ސެލް ފަށަލަ ފޮރުވިދާ ފަހުންނެވެ. ބައިގެން ދިއުމަކީ މިހާލަތުގައި ވަރަށް ޢާންމު ކަމެކެވެ. ސިފިލިސް ޖެހިފައި ވަނިކޮށް އުފަންވި ނަމަވެސް މަރުވުމަކީ ވަރަށް ގާތް ކަމެކެވެ. ސަލާމަތްވާ ކުދީންނަށް އުމުރުގެ ކުރީކޮޅު ނުވަތަ އުމުރުގެ ފަހުކޮޅު ސިފިލިސްގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެންނަށް ފަށައެވެ.


އުމުރުގެ ކުރީކޮޅު ފެންނަ ޢަލާމާތްތައް

[އުނިއިތުރު ގެންނަވާ]

މިއަލާމާތްތައް ފެންނަނީ ވިހެއުމަށްފަހު ދުވަސް ކޮޅެއްގެ ތެރޭގައެވެ. ނުވަަތަ ފުރަތަމަ ދެއަހަރުގެ ތެރޭގައެވެ. ކުރީކޮޅު ފެންނަށް ޢަލާމާތްތައް ކުރިން ބަޔާންކުރެވުނު ދެވަނަ މަރުހަލާގެ ޢަލާމާތްތަކާ ވަރަށް އެއްގޮތެވެ. އެގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިހިނެގުން، އަތްތިލަ އަދި ފައިތިލައިގެ ހުދު ހަންގަނޑު ފޮޅޭގޮތްވުން، އަދި ތެތްހަން އެކުލެވޭ ހިސާބު ތަކުގައި ވެސް ބިހި ނަގައެވެ.

އަނގައިގެ ކަން އަދި ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ފެތުރެމުންދާ ލަކުނެއް އުފެދެއެވެ. މިއީ މިބުނި ހިސާބުތައް ފާރުވެ، ފެޅި ރަގަޅުވާއިރު، ފައިބަރަސް ޓިޝޫ އުފެދުމުން ދިމާވާ ކަމެކެވެ. މިބުނި އުސޫލުން ފެތުރެމުންދާ ލަކުނަށް ކިޔަނީ ރަގާދީޒް(Rhagades) އެވެ.

އަނގަ، ދޫ ، ނޭފަތް، ކަރުތެރެ، އަޑުފޮށި، ފަދަ ގުނަވަންތަކުގެ ތެތް ދުލިފަށްތަކުގައި ޕެޗް އުފެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ނޭފަތުގެ ހިދުރި ބެދޭގޮތް ވެއެވެ. ނޭފަތް ކުރިން ބަޔާން ކުރިހެން އަސްދާނު ގޮނޑިއެއްގެ ސިފަޔަށް ބަދަލުވުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ.

ކަށި އަދި ހުޅުތަކާ އޭގެ ވަށައިގެންވާ މަޑު ކަށިތަކަށް ސިފިލިސްގެ އަސަރު ފޯރުމުން އަތްފައި ހަރަކާތް ކުރުމަށް އުދަގޫވެ، ކަށިތައް ބޮޑުވުން ލަސްވުން ކުރިމަތި ކުރުވައެވެ. މީގެ އިތުރުން އެތެރެ ހަށީގެ ވަރަށް ގިނަ ގުނަވަންތަކަށް ސިފިލިސްގެ އަސަރު ފޯރައި ގެއްލުންތަކާ ކުރިމަތި ކުރުވައެވެ.


އުމުރުގެ ފަހުކޮޅު ފެންނަ ޢަލާމާތްތައް

[އުނިއިތުރު ގެންނަވާ]

މިއަލާމާތްތައް ފެންނަނީ އުމުރުން 30-2 އަހަރާއި ދެމެދުގެ ދުވަސްވަރެއްގައެވެ. ފަހުކޮޅު ފެންނަ އަލާމާތްތައްކުރިން ބަޔާންކުރެވުނު 4 ވަނަ މަރުހަލާގެ ޢަލާމާތްތަކާ ވަރަށް އެއްގޮތެވެ. ބޮލުގެ ނާށިގަނޑު، ނޭފަތުގެ ދެހިނދުރި ވަކިކޮށްދޭ ބައި، އަދި ދިގުކަށިތައް ފަދަ ބައިތަކުގައި ގަމާ އުފެދޭގޮތް ވެއެވެ. ފައިގެ ތިރީގައި ކަކުލު ހުޅާއި ތަބިކައްޓާއި ދެމެދުގައިވާ ދެކަށިގަނޑުގެ ތެރެއިން ޓިބިއާ އޭ ކިޔޭ ކަށިގަނޑުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލައިގައި އިންފްލެމޭޝަން އުފެދި،އެކަށިގަނޑުގެ ކުރިމަތީބައިގައި އާޓިޝޫތައް ޖަމާވުމުން ކަނޑިއެއްގެ ސިފަޔަށް(Saber tibia) ޓިބިއާގެ ބައްޓަން ބަދަލުވެގެން ދެއެވެ.

ލޮލުގެ ކަޅުކަޅި އަދި ރެޓިނާ ފަދަ ބައިތަކަށް ސިފިލިސްގެ އަސަރު ފޯރުމުން ލޯއަދިރިވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ހުޅުތައް ފުފިބޮޑުވެ، އޭގެތެރެއަށް ދިޔާއެއްޗެއް ފަދަ އެއްޗެއް ފޭދުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ހީކެރުވުން، ގައިގައި ރިހުން، ގަދަ ފިންޏަށް ހުށަހެޅޭ ހިނދު ކުޑަކަމުދާ ތަކެތީގެ ކުލަ އަދިރިވުން ނުވަތަ ގަދަވުމަކީ ވެސް މިމަރުހަލާގައި ވެދާނެ ގޮތެކެވެ. އަޑުއެހުމަށް އެހީވެދޭ ނާރު ނުވަތަ ކަންފަތާއި ސިކުނޑި ގުޅުވައިދޭ ނާރަށް ސިފިލިސްގެ އަސަރު ފޯރައިފިނަމަ ބީރުވުން ކުރިމަތި ކުރުވައެވެ.

މަތީ މެދު ދެދަތްކުރުވެ، ފޭރާ ދަތް ހުންނަހެން އެދެދަތް ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގޮތަށް ހުރުމަށް ކިޔަނީ ހަޓްކިންސަން ދަތް(Hutchinson’s teeth) އެވެ.

ސިފިލިސް އިން ރައްކާތެރިވުން

[އުނިއިތުރު ގެންނަވާ]

ސިފިލިސް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
  • ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
  • ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
  • މާބަނޑު ދުވަސްވަރު ސިފިލިސް ހުރިތޯ ބަލައި ދެނެގަނެ ފަރުވާކުރުން
  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
  • ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން
  • ބަލިޖެހިފައިވާ މީހުންގެ ގައިން ލޭ ނޭޅުން