***
"މިރިއަމް ތީތި ގެންދޭ...."އޭނަ މަޑުމަޑުން ބުނެލީ ނިކަން ފަނޑު ހިނިތުންވުމަކާއެކުގައެވެ." ނޫނީ އަނބުރާ ދީ..އެއްކަމެއްވެސް ވަކި ބަދަލެއްނުވާނެ.."
ސަބަބަކީ ތީ މަންމަގެ ހަދިޔާއަކަށްވީމަ..."އޭނަ އިތުރުކޮށްލިއެވެ. އޭނަ ނުބުނެ ސިއްރުކުރީ މަންމަ އެ ހަދިޔާގަތްއިރު ހީކޮށްގެން ހުރީ އެ އަންހެންކުއްޖާއަކީ ސާޔާއަށް ވާނެކަމުގައެވެ. އެފަދަ "ފެންސީ" ހަދިޔާއެއް ގަންނަން މަންމައަށް މުހިއްމުވީ އެހެންވެއެވެ.
ހަމްޒާ ދުރަށްދާން ހިނގައިގަތެވެ. މިރިއަމްގެ މޫނަށް ޖަންބުމަލުގެ ކުލަ ވެރިވިއެވެ. އޭނަވެސް އިތުރަށް މަޑުކުރުމެއްނެތި ދެއަތް ބާރަށް އެއްލަމުން ހިނގައިގަތީ ޒުބޭރު ހުރިތަނަކުން ހޯދައިގެން ސުވާލުކުރުމަށެވެ. ހަމްޒާގާތު އޭނަގެ އުމުރު އޮޅުވާލައިގެން ބުނަންވީ ކީއްވެހެއްޔެވެ؟ އޭނަ ހިނގައިގަތް އިރު އެތާގައި ތިބި މެދުފުރައިގެ މީހުން ދެއްކި ވާހަކަތަކުން މި ޚާއްސަ ހަފްލާއަކީ ކޮބައިކަން ނަގައިގަނެވުނެވެ.
"މިއަހަރުގެ މި ސަދަގާތް ހުރިހާ އަހަރަކަށްވުރެ ގިނަ މާޝާﷲ..."ޢެކަކު އައިނު ރަގަޅުކޮށްލިއެވެ."ހަމްޒާ މިފަހަރު މިކަމުގައި ކުރި ހޯދައިފި. މިރަށު ޔަތީމުކުދިންނަށް މި އީދަށް އެކަނި ކެއުމެއް ނޫން ލިބެނީ. ހެދުންވެސް....އަހަރެމެންނަށް މިކަމުގައި ދެވޭނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭ..."
މިރިއަމްގެ ފިޔަވަޅުތައް ހުއްޓުނުއިރު ވިިންދަށްވެސް ބަދަލު އައެވެ. މިއީ ޔަތީމްކުދިންނަށް ކުރާ ޚާއްސަކޮށް ދެވޭ ސަދަގާތެކެވެ. ހުރިހާކަމެއް ރޭވުމުގެ މޭސްތިރިއަކީވެސް ހަމްޒާއެވެ. ކެއުމާއި ހަދިޔާއާއިއެކު މުޖުތަމައުގެ އެންމެންވެގެން ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިކަން ފޯރަން އަތު ގުޅައިލީއެވެ. އޭނައަށް ހަމްޒާ ހުރި ދިމާލަށް ބަލައިލެވުނެވެ. އޭނަ އަދިވެސް އުޅެނީ ޕިއްޒާތައް ތަށިތަކަށް އެެޅުމުގައެވެ. އެކަމަކު ކޮންމެވެސް ޚިޔާލެއްގައި ހުރި ކަން ހަރަކާތްތަކުން ދައްކުވައެވެ. އެހެން ހުއްޓާ ސިކުނޑީގައި ކޮންމެވެސް އެއްޗެއް ފިޔަޖަހައިލިއެވެ. އޭނަ ގާތު މަންމަ ބުނި ޖުމްލައެއްކަން ނޭގެއެވެ. ހަނދާނުގެ އެންމެ ފުނުގައި ރައްކާކުރެވިފައިވާ ޖުމްލައެއް ނިކަން މަޑުމަޑުން ގުގުމައިލިއެވެ.
"ފެނުން އަލިފާން ނިއްވާލާ ފަދައިން ސަދަގާތްކުރުމުން ފާފަ ފުހެވިގެން ހިނގައިދެއެވެ."
މަންމަގެ އެ ކެތްތެރިކަމާއި އޯގާތެރިކަމުން ފުރިފައިވާ އަޑު އަބަދުވެސް އޭނައަށް ހަނދާންކޮށްދެނީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ކޮންމެހެން ދެއްކުންތެރިކަމުގެ ގޮތުން ނޫނީ އެންމެނަށް އަންގައިގެން ނޫނަސް ހެވެވެ. އެއީ ފާފަތައް ދޮވުމުގެ ސަބަބަކަށްވާތީއެވެ. އެކަމަކު އޭނަ އެކަން ބޮލުން ނެރެ އެއްލާލާނީ ކިތައްފަހަރުހެއްޔެވެ؟ އޭނަ ހުރިހާކަމަކުން ދުރުކުރުވަނީ އޭނަ މުނިފޫފިހިލުވުމާއި އުފާކޮށްދޭ އެއްޗެއްސެވެ. އެކުވެރިންނާއެކު މަޖާ ހުނުންގަނޑެވެ. އޭނަގެ ގޭގެ ހަތަރުފާރުން ބޭރުގެ މަޖާ ދިރިއުޅުމެވެ. ހަގީގަތުގައި ރަމަޟާންއާއި އީދުގެ މަގުސަދަކީ މިއީކަމުގައި އޭނައަށް ވިސްނުނެވެ. ސުފުރާތަކައި ހެދުންތަކެއްވެސް ނޫނެވެ. ފާފަތައް ފޮހެވުމުގެ ފުރުސަތެއް ހޯދުމެވެ. ﷲގެ މަގުގައި އަމިއްލަ އެދުމެއްނެތި ހޭދަކުރުމެވެ. ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. އަދި ބޭނުންޖެހިފައިވާމީހުނާއި އޮންނަ ގުޅުން އިތުރުކުރުމެވެ.
އޭނަ އަބަދުވެސް އެ ހަދީސްއާއިމެދު ދެކެމުން އައީ އޭނައާއި ދުރު ކަމެއްގެ ގޮތުގައެވެ. ފަހުން އެކަމާއިމެދު ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައެވެ. އޭނައަށް އެހަދީސްގައިވާ ގޮތަށް އަމަލުކުރަން ނުޖެހޭކަމުގައެވެ. އެކަމަކު މިވަގުތު މަރު ބައްދަލުކޮށްފިއްޔާ އޭނަ ގެންދަން އަތުގައި އޮތީ ކޯޗެއްހެއްޔެވެ؟ ކުއްލިއަކަށް ގައިން ހީބިހި ނެގުމާއެކު ތުރުތުރުލާގޮތްވިއެވެ.
ފަހަރެއްގައި ކެއުމާއި ހެދުންތަކަށްވުރެ މުހިއްމު އެއްޗަކީ އެ އަމަލެވެ. ސަދަގާތްކުރުމެވެ.
"ﷲގެ މަގުގައި އެމީހުންގެ މުއްސަދިކަން ހޭދަކުރާ މިސާލެއް ހަމްޒާއަކީ ވެސް..ހަމަ ޖަވާހިރެއް ކަހަލަ ދަރިއެއް......." އެކަކު ބުނެލި އަޑުއިވުނެވެ. "ބަދަލުގައި އޭނަ އެއްވެސް އެއްޗަކަށް ނޭދޭ. އޭނަ ގަބޫލުކުރާގޮތުން ﷲ ތައާލާގެ ފަރާތުން ލިބޭ ދަރުމައާއި ސަވާބު ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ބޮޑުވެގެން ވޭ..........."
އެ ޖަމާއަތާއި އަޑުތަކާއި ދުރަށް ހިނގަމުން ދިޔައިރު އޭނަގެ ކަންފަތުގައި ހަމްޒާގެ ޖުމްލަ ގުގުމަމުން ދިޔައެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅަކަށް އަޑުގަދަވިއެވެ.
"އަހަރެން މާދަން ފުރަނީ..."
އެ ޖުމްލަ އޭނަގެ ހިތަށް ކަށި ހަރަންފެށިއެވެ. ކައިވެނީގެ ހުށަހެޅުމަށްވުރެވެސް ބޮޑަށެވެ.
މާދަމާ ވާއިރަށް ހަމްޒާ މިރަށުގައި ނުވެސް ހުންނާނެ ނޫންހެއްޔެވެ؟ އެކަމަކު އޭނަ ދިރިއުޅެންޖެހޭނީ މިތާގައެވެ. މަންމަ ކައިރީގައެވެ. އެގޭގައެވެ. އޭނަ ސަލާމަތްވެގެންދާން ބޭނުންވާހާ ހުރިހާ އެއްޗެއްގައި ތާށިވެފައެވެ.
އޭނަ ޒުބޭރުމެން ގެއާއި އަރާ ހަމަވީއިރު ޖެހިގެން ހުރި ގޯޅިގަނޑަކުން މާ ކުޅިވަރުގަދަހެން ހީވެގެން ބަލައިލެވުނެވެ. ތަންކޮޅެއް ދުވަސްވީ އަންހެންކަނބަލުންތަކެއް ބެޑްމިންޓަން ކުޅުމުގައި ނިކަން ފޯރި ހިފާފައި ހަޅޭއްލަވައެވެ. އެތަނުން އެކަކީ ޒުބޭރުގެ މާމައެވެ. ހިރަފުސްގަނޑު ގަދަކަމުން ކިރިޔާ ހެކަ އެޅިކަމެވެ.
ޒުބޭރު އޭނަގެ ދަބަރުޖެހި ބައިސްކަލަށް ލެނގިލައިގެން ހުރެ އަކިރިވެލި ރުކަކާއި ދިމާލަށް އެއްލަމުން ދިޔައީ ހަޔާތުގައި އޭނަގެ ޒިންމާ ސުމެއްކަމުގައި ހަދައިގެން ހުރެއެވެ. މިރިއަމް ކުރިއަށްވުރެ ބާރަށް އަތް އެއްލަމުންގޮސް ގޮސް އުކުޅުގައި އަތް ވިއްދައިލިއެވެ." ޒުބޭރު..........."
ޒުބޭރު ސިހިފައި ކުއްލިއަކަށް އެނބުރުނެވެ." ތިކަހަލަ އަޑެއް ދެއްވާފައި ހުރީމަ މިރަށަށް ސްޕީކަރެއްގެ ބޭނުމެއް ނުޖެހޭނެ..."
ހަމްޒާގެ ކައިވެނީގެ ހުށަހެޅުމުގެ ވާހަކަ ރަށުތެރޭ ފެތުރިދާނެކަމުގެ ބިރު ހީވެ އޭނަ އަޑު ތަންކޮޅެއް މަޑުކޮށްލާފައި ދަތްތަކަށް ބާރުލިއެވެ."ހަމްޒާގެ ގާތު އަހަންނަށް ވީ ބާވީސް އަހަރޭ ބުނީ ކީއްވެތަ؟"
ޒުބޭރު ބޯ އަރިކޮށްލިއެވެ."ކީކޭ؟ އޯ....އެވާހަކަ؟ އެއީ ބާވެފައިވާ ވާހަކައެއްނު..މިރިއަމް....މޫވް އޯން...އެންމެންވެސް އުމުރާއި ބެހޭގޮތުން ދޮގު ހަދާ.."
"ޒުބޭރު...އަހަންނަށް ވީ ސަތާރަ އަހަރު....ތީނައަށް އަހަރެން ފެންނަނީ ބާވީސްއަހަރުގެ ބޮޑު އަންހެނެއްގެ ގޮތުގައި؟"
"ތެދަށް ބުނަންވީ؟ ތިހެން ރުޅިއައިސްފަ ހުންނައިރު؟ އާނ.....ހީވަނީ އޭނަގެ ދަރި ސްކޫލު އިމްތިހާނުން ފެއިލްވިކަން ދެންމެއަކު އެނގުނު މަންމައެއްހެން.."
"އޭނަ ކައިވެންޏަށް އެހީ..ޒުބޭރު...އޭނަ ހީކުރީ އޭނައަށްވުރެ އަހަރެން ދޮށި ކަމަށް....އެއީ ކިލާ ލަދުވެތިކަމެއްކަން އެނގޭތަ؟" އޭނަ ކަޅިއަޅައިގަތެވެ.
ޒުބޭރު އަނެއް ގާކޮޅު އުކަން ތައްޔާރުކޮށް އުފުލައިލި އަތް ވައިގެ ތެރޭގައި ގަނޑުވިއެވެ. އެއާއެކު އެ ގާކޮޅު އަތުން ދޫވިގޮތަށް އޭނަގެ ފައިކައިރީގައި ޖެހި މަޑުވިއެވެ.
"ކީކޭ؟"
"އޭނަ ކައިވެންޏަށް އެހީ.."އޭނަ ތަކުރާރުކޮށްލިއެވެ. އަތުގެ ހަރަކާތުންވެސް އޭނައަށް ލިބުނު ޝޮކް ދައްކައިލަން މަސައްކަތްކުރިއެވެ.
"ތިބުނީ...ކައިވެނި؟ އަނގޮޓިތައް؟ ޕޭރެންޓްސްވެސް އިންވޯލްވެގެން؟ އެކަހަލަ ހުށަހެޅުމެއް؟" ޒުބޭރު އެސްފިޔަ ޖަހައިލިއެވެ.
"ދެން އެހެން ކޮން ގޮތަކަށް؟"އޭނަ ކަޅި އަނބުރައިލިއެވެ.
"އޭނަ ހަގީގަތުގައިވެސް ކައިވެންޏަށް އެހީ.."ޒުބޭރު މަޑުމަޑުން ކިޔައިލިއެވެ. އަމިއްލަ ނަފުސާއި މުޚާތަބުކުރިފަދައެވެ.
"އާނ....އެކަހަލަ މޮޔަ ދޮގެއް ހެދީތީ...."
ޒުބޭރު ތަންކޮޅެއް ގިނައިރުވާންދެން ބިމަށް ބަލަން ހުއްޓެވެ. އާއްމުކޮށް ތުންފަތުގައި ހުންނަ ލާނެތް ހިނިތުންވުން ފޭދުނެވެ. އެއާއެކު ބޯ އަރިކޮށްލިގޮތަށް އެ ހުސްކަމުގެ ތެރެއިން ނުކުތްގޮތުން އެއްވެސް ކަމެއްނުވާފަދައެވެ. ކުރީގެ ޒުބޭރުއަށް ބަދަލުވިއެވެ.
"ތިއީ ބާރައަހަރުގެ ކުޑަކުއްޖެއްކަމަށް އޭނަ ހީނުކުރިކަން މާ ރަގަޅެއްނު...އައި ވޯޒް ހެލްޕިން......."
"ހެލްޕިން؟"މިރިއަމް ލޯ ފުޅާކޮށްލިއެވެ.
"އަޑުއަހާބަލަ...އަހަރެން މިރިއަމްގެ ހަގީގީ އުމުރު ނުބުނިނަމަ އޭނަ ގަބޫލުކުރާނީ އޭނައާއިބަލާއިރު މާ ޅަކުއްޖެއްކަމަށްނު....."
"މިއީ ކުޅިވަރެއްނޫން....ޔޫ ބަނާނާ ހެޑެޑް ލަޔާ..."މިރިއަމްގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.
"ފުރަތަމަ....ޝުކުރިއްޔާ....ދޮންކެޔޮ މުއްސަދިވެފައިވަނީ ޕޮޓޭޝިއަމްއިން...ސެކަންޑް..... ޔޫ އާ ވެލްކަމް..މިރިއަމް ބޭނުންވީ އޭނަގެ ލޮލުގައި އަޅައިގަންނަގޮތްވުން ނޫންތަ؟" ޒުބޭރު ލޯ ހަނިކޮށްލިއެވެ.
"މޮޔަވީތަ؟ ކާކު ބުނީ އަހަރެން އެގޮތް ބޭނުމޭ..."އޭނަ ހައިރާންވެ އަންތަރީސްވިއެވެ. މިހިރަ ފިރިހެނާ ހަމަ ރަގަޅަށްވެސް މޮޔަވީހެއްޔެވެ؟އޭނަ ހަމްޒާގެ ސަމާލުކަން ހޯދަން އެންމެ ފަހަރަކުވެސް އުޅުނުތަން ފެނުނީ ކޮން ލޮލަކުން ހެއްޔެވެ؟ މިފަދަ އިލްޒާމެއް އަޅުވަން ހެޔޮނުވާނެއެވެ. ޒުބޭރު ކަންނެތްގޮތަކަށް ކޮނޑު އަރުވައިލިއެވެ.
"ޔޫ އާ އަންބިލީވަބްލް...ދެން މިކަހަލަ ސްޓަންޓެއް ޖައްސައިފިއްޔާ އެންމެގާތު ބުނާނަން ޒުބޭރުއަށް ވީ ތެއްތިރީސް އަހަރޭ އަދި ދެވަނަ އަންބަކު ކުޅުދުއްފުށީގައި ހުރެއޭ...."
"އޫފް......"އޭނަ މުއްސަދި މީހަކަށް ހަަދައްޗޭ...އައި ހޭވް ސްޓޭންޑަޑްސް.."
"ޔޫ ނީޑް ހެލްޕް..."
"ނޫން...އަހަރެން ބޭނުމީ އެ ބެޑްމިންޓަން ބޯޅަ އުދުހިފައިގޮސް ގަހަށް އެރީމަ އެ ނަގާނެ މީހަކާއި އައިސްކްރީމެއް..."ޒުބޭރު ހަށަން ބަދެލައިގެން ވިސްނާކަމަށް ހަދަން އިރުކޮޅަކު ހުރެލާފައި ކިޔައިލިއެވެ.
"މަޖަލެއްނޫން..."
"އާއެކޭ ބުނެފިންތަ؟" ޒުބޭރު ކަރުކެހިލިއެވެ. އަދި ބުމަ އަރުވައިލީ އަޑު އާދައިގެ ގޮތަކަށް އަޑު ބަހައްޓަން މަސައްކަތްކުރަމުންނެވެ.
"ނޫން..އޮބްވިއަސްލީ ނޮޓް....."މިރިއަމް ބުނެލިއެވެ.
ޒުބޭރުގެ އެ ނަމެއް ދޭން ނުވެސް އެނގޭ ކަހަލަ ލާނެތް އަދި މަލާމާތްވެސް އެކުލެވޭފަދަ ހިނިތުންވުން އަނބުރާ އިއާދަވުމާއެކު ކޮނޑު ސީދާކޮށްލިއެވެ. ފޮނިކަމުގެ އިންތިހާއެވެ. އަންހެންވެރިން ބެޑްމިންޓަން ކުޅުމުގެ ފޯރިގަނޑާއެކު ޖަހައިލި ޝޮޓަކުން ބޯޅަ އައިގޮތަށް ގަހުގެ ގޮފިގަނޑެއްގައި ހަރުލައި އިރުކޮޅަކަށް ހަމަލާތަކުން ރެކުމުގައި ކާމިޔާބު ހޯދިއެވެ. ޒުބޭރުހުރީ އެފަދަ ފުރުސަތަކަށް ބަލަބަލައެވެ. އޭނަގެ ޑިއުޓީއަދާކުރުމުގައި އަވަސްވެގަތެވެ. މިރިއަމްއަށް އެމަންޒަރު ފެނުމުން ކުދިކިޔަމުން ދުރަށް ދާން ހިނގައިގަތެވެ. އޭނަ އެހާވަރުން ޒުބޭރުއާއި ވާހަކަދައްކަން އައިކަމުގެ މޮޔަހީވިއެވެ. އެއްވެސް ވަރަަކަށް ސީރިޔަސްވާން ދަންނަ ފިރިހެނެއްނޫނެވެ.
މިރިއަމް ތަންކޮޅެއް ފަޅުމަގުތަކުން ގެއަށް ދާން ނިންމިއެވެ. އަމިއްލަ ޚިޔާލުތަކާއިއެކު ވުމަށް ވަގުތުވެސް ހޯދުމުގެ ގޮތުންނެވެ. ގެއަށް އާދެވުނުއިރު މަންމަ އިނީ މުސައްލަމަތީގައި ތަސްބީހަކިޔުމުގައި އަވަދިނެތިއެވެ. ވަރަށް ހަމަޖެހިގެންނެވެ. ފިރިހެނަކު އެގެއަށް އަގުހުރި ހަދިޔާއަކާއިގެން އައި މަގުސަދު އަހައިލުންވެސް މަންމައަކަށް މުހިއްމެއްނުވިއެވެ.
"އީދު މުބާރަކް މިރިއަމް...އެއްޗެއް ކައިފިންތަ؟"މަންމަގެ އަޑުގައިވީ އޯގާތެރިކަމެވެ.
"ބަނޑުހައެއްނުވޭ.."އޭނަ އެސްފިޔަ ޖަހައިލިއެވެ.
"މެންދުރު ނަމާދުގެ ކުރިން އެއްޗެއް ކައިބަލަ...."މަންމަގެ ޖުމްލައިން އޭނައަށް ބަލައިލެވުނީ ގަޑިއަށެވެ.
އޭނަ ދޮރުކަނީގައި ހިފަހައްޓާލައިގެން މަންމަގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރީ އެއްޗެއް އަހައިލަން ބޭނުންވެފައެވެ. ކޮންމެވެސް އެއްޗެކެވެ. މަންމައަށް އެމީހުން މިގެއަށް އައި މަގުސަދު ވިސްނޭހެއްޔެވެ؟މަންމަގެ ޖަވާބަކީ ކޮބާހެއްޔެވެ؟މަންމަ އޭނަދެކެ ރުހޭހެއްޔެވެ؟ އެއީ ރަމަޟާންމަހުގެ ތަރާވީސްކުރާ އިމާމްކަން މަންމައަށް އެނގޭހެއްޔެވެ؟ އެތައް ސުވާލުތަކެއް ސިކުނޑީގައި އެނބުރުނަސް ދުލުން އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. އޭގެ ބަދަލުގައި އޭނައަށް ކޮށްލެވުނީ އެހެން ސުވާލެކެވެ.
އޭނަ ހަމްޒާގެ މަންމަ ގެނައި ފޮށި ނަގާފައި އޭގެ ތެރޭގައި އޮތް ހާރު ނެގިއެވެ. "މި ރީތިތަ؟"
ޖަމީލާ ގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެސުވާލުން އޮޅުމެއް އެރިހެން ހީވާ ކަހަލަ ބެލުމެކެވެ. މަންމަ އަތް ދިއްކޮށްލުމުން އެ ހާރު އަތަށް ލައިދިނެވެ. މަންމަ އޭގައި އިނގިލިތަކުން ފިރުމިއެވެ.
"ހަމްޒާ ކައިވެންޏަށް އެހީ..."އޭނަ އިނގިލިތަކާއި ކުޅެންފެށިއެވެ.
ޖަމީލާގެ މޫނުމަތީގެ ޝުއޫރުތަކަށް ބަދަލެއް ނަޔަސް އިތުރު ހައިރާންކަމެއް ނުވަތަ ނުތަވަސްކަމެއް ފެނިލިހެން ހީވިއެވެ."ކައިވެންޏަށް އެހީއޭ؟ ކުރިން މިގެއަށް އައި ފިރިހެންކުއްޖާތަ؟ އަދިވެސް މިރިއަމް ކިޔަވަނީއެއްނޫންތަ ސްކޫލްގަ؟"
"އެނގޭ...."މިރިއަމް އަމިއްލަ ނަފުސް ދިފާއުކުރިއެވެ."އެކަމަކު އޭނައަށް އެކަމެއް ނޭގޭ...ޒުބޭރު އޭނަ ގާތުގައި ބުނީ އަހަންނަށް ބާވީސް ފުރިއްޖެއޭ. އޭނައަށްވުރެވެސް އަހަރެން އުމުރުން ދޮށިކަމަށް ހީކުރީ. ހަގީގަތެއް ނުވެސް އެނގި..."
"ސްކޫލް ނިމުނީމަ ކައިވެނިކޮށްގެން މިގެއިން ދޭ..."ޖަމީލާގެ ލަފުޒުތައް ކިތަންމެ މަޑުވިޔަސް އޭނަގެ ހިތަށް އަނިޔާވިފަދަ ހަރުކަށި ޖުމްލައަކަށްވިއެވެ. މަންމަގެ ހުރި އެންމެ އަންހެންދަރިފުޅު ދުރަށް ފޮނުވާލަން ބޭނުންވަނީ އެއްވެސް ވަރަކަށް ލޯބިނުވާތީހެއްޔެވެ؟ މަންމަ ހަގީގަތުގައިވެސް ބޭނުންވަނީ އޭނަ އެހާ އަވަހަށް ދިޔުމަށް ހެއްޔެވެ؟ހިތުގައި ރިއްސާލާގޮތްވެފައި މޭގައި ފިރުމައިލެވުނެވެ.
މިރިއަމް ތަންކޮޅެއް އަވަހަށް ނިދަން އެނދަށް އެރިއިރުވެސް އަތުގެ ތެރޭގައި އެ ހާރު އޮތެވެ. މާދަން އޭނައަށް ސަތާރަ އަހަރު ފުރޭނެއެވެ. މާދަން ހަމްޒާވެސް ހިނގައިދާނެއެވެ. ދިރިއުޅުމަކީ ވަރަށް އަޖައިބުކުރުވަނިވި އެއްޗެކެވެ. ބައެއްމީހުން އުފަލުގައި އުދުހޭއިރު އޭނަ މިއުޅެނީ ހިތްދަތިކަމުގެ ވަކިތަކުން ސަލާމަތް ނުވެވިގެންނެވެ.
***
ފަތިސް ނަމާދުގެ ކުރިން މިރިއަމް ހުވަފެނީ އާލަމަކަށް ދަތުރުކުރިއެވެ. ތަޅުންގަނޑުގެ ބަދަލުގައި އޮތީ ދޮންވެލިގަނޑެވެ. އޭނަގެ ފައިތިލަ ގެނބެމުން ދިޔައެވެ. ކޮޓަރީގެ ފާރުތައް ފަޅުފިލުވާލާފައިވީ އެކި ތަސްވީރުތަކުންނެވެ. އޭނައަށް އެމީހުން އެނގުނަސް ނަމެއް ނޭގެއެވެ. ބައެއްމީހުންގެ ސޫރަތައް ފެނުނީ ފުސްކޮށެވެ. ބައެއްމީހުންގެ ލޯތަކެއް ނެތެވެ. އޭނަ އެތަނުން ތަސްވީރެއްގައި އަތްލާން އުޅުމުން ދޮންވެއްޔަށް ވެގެން ފައިބައިގަތެވެ.
ކޮރިޑޯގެ އެންމެ ކޮޅުގައި ހުރީ އަންހެންކުއްޖެކެވެ. ފުރަގަސްދީގެންނެވެ. އިސްތަށިގަނޑުއޮތީ ތެމިފައެވެ. އެކުއްޖާގެ އަތުގައި އޮތީ ރިހިކުލައިގެ ހާރެކެވެ. ކޮންމެވެސް ތަނަަކުން ދެކެފައިވާ އެއްޗެކެވެ. ވަކި ކަހަލަ އައްޔެއް އެޅުމުން ވިދައެވެ. އޭނަ ގޮވައިލުމުންވެސް އެކުއްޖާ ބަލާނުލިއެވެ. އޭގެ ބަދަލުގައި އޭނައަށް ފަރިތަ ނާނާއެއް ކިޔަންފެށިއެވެ. އޭނަގެ މަންމަ ކިޔާ ނާނައެކެވެ.
ކުއްލިއަކަށް ނޭފަތުގައި ޖެހުނީ ލޮނާއި ކެމޮމައިލްގެ ވަހެވެ.
އޭނަ ހިތްވަރުކޮށްލާފައި އެ އަންހެންކުއްޖާ ހުރިތަނަށް ގޮސް ބަލައިލިއިރު އެކުއްޖާ ފެންނާކަށް ނެތެވެ. އެއްވެސް މީހަކު އެހިސާބުގައި ނޫޅެއެވެ. ފެންނަން ހުރީ ހަމައެކަނި ބޮޑު ލޯގަނޑެކެވެ. ތެޅިފައިވާ ބިއްލޫރިގަނޑުން ފެންނަނީ ފުސްކޮށެވެ. އެއަށް ބަލައިލުމުން އޭނައަށް ފެނުނީ އުމުރުން ދުވަސްވެފައިވާ އަންހެނެކެވެ. އޭނަ އެސްފިޔަ އަވަހަށް ޖަހަން ފެށިގޮތުން ހީވީ މިތަނަށް އަައި ބޭނުން ދެނެގަންނަން މަސައްކަތްކުރާހެންނެވެ.
ނުނިމޭ