Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

ދިރުމުގެ ނިޝާން ހުރި އިތުރު ޕްލެނެޓެއް ސައިންސްވެރިން ހޯދައިފި

ފޮޓޯ ކްރެޑިޓް: ކޭމްބްރިޖް ޔުނިވަސިޓީ --

ދުނިޔެ ފިޔަވައި ދިރުން ހުރެދާނެ ކަމުގެ ނިޝާންތަކެއް ހުރި އިތުރު ޕްލެނެޓެއް ސައިންސުވެރިން ހޯދައިފިއެވެ.

ކެބްރިޖް ޔުނިވާސިޓީގެ ސައިންޓިސްޓުންގެ ޓީމަކުން ހޯދި މި ޕްލެނެޓަކީ ދުނިޔެއާ ވަރަށް ދުރު އެކަމަކު ދިރުން ހުރެދާނެކަމުގެ ހެކިތަކެއް ފެނިފައިވާ ޕްލެނެޓެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި ހޯދުންތަކަކީ އަދި ފުރިހަމައަށް ޔަގީން ކުރެވިފައިވާ ހޯދުންތަކެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

ކެމްބްރިޖް ޓީމުން ދިރާސާކުރަމުންދާ ކޭ2-18ބީ ކިޔާ މި ޕްލެނެޓްގެ ޖައްވާއި ބިމުގައި ކުދި ދިރޭތަކެތިން އުފައްދާ މޮލެކިއުލްތަކެއްގެ އަސަރު ފެނިފައިވާ ކަމަށް އެ ޓީމުން ބުނެފައިވެއެވެ. މިއީ ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިއުއެސްޓީ) މެދުވެރިކޮށް މި ޕްލެނެޓްގެ ޖައްވުން މިފަދަ ކެމިކަލްތަކެއް ފެނުނު ދެވަނަ ފަހަރެވެ.

މި ދިރާސާގެ އިސް ފަރާތް، ޕްރޮފެސާ ނިއްކު މަދުސޫދަން ވިދާޅުވީ މިއީ ދުނިޔެ ފިޔަވައި އިތުރު ޕްލެނެޓަކުން ފެނުނު، ދިރުމުގެ އެންމެ ވަރުގަދަ ހެއްކަށް ވެދާނެ ކަމަށެވެ. އަދި މި ހޯދުންތައް ޔަގީން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޭ2-18ބީ އަކީ ދުނިޔެއަށްވުރެ ދެގުނަ ބޮޑު ޕްލެނެޓެކެވެ. އަދި ދުނިޔެއާ މި ޕްލެނެޓާ ދެމެދު 700 ޓްރިލިއަން މޭލު ހުންނައިރު، މިއީ އިންސާނުންނަށް ދަތުރު ކުރެވޭނެ ވަރަށްވުރެ މާ ދުރު ރާސްތާއެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ކެމްބްރިޖް ޓީމުން ބުނާ ގޮތުގައި މި ޕްލެނެޓްގެ ޖައްވުގައި ޑައިމެތިލް ސަލްފައިޑް (ޑީއެމްއެސް) އަދި ޑައިމެތިލް ޑައިސަލްފައިޑް (ޑީއެމްޑީއެސް) ގެ އަސަރު ފެނިފައިވެއެވެ. ދުނިޔޭގައި މި ގޭސްތައް އުފެދެނީ ކަނޑުގެ ފައިޓޯޕްލާންކްޓަން އަދި ބެކްޓީރިއާއިންނެވެ.

މި ހޯދުންތަކަކީ ވަރަށް މުހިންމު ހޯދުންތަކެއް ނަމަވެސް، މި ދިރާސާގައި ބައިވެރިވި ފަރާތްތަކުންނާއި އެހެން އެސްޓްރޯނޮމަރުން ބުނާ ގޮތުގައި މި ނަތީޖާތައް ޔަގީން ކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވެއެވެ. ނަމަވެސް މި ހޯދުންތަކަކީ ބޭރު ދުނިޔޭގައި ދިރުން ހުރެދާނެކަމުގެ އިތުރު ޔަޤީންކަން ދައްކުވައިދޭ މުހިންމު ހޯދުންތަކެކެވެ.

މި ޕްލެނެޓުގައި ދިރުން ހުރިކަން ޔަގީންކުރަން ދެ އަހަރު ދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށް ސައިންޓިސްޓުން ބުނެއެވެ.

މާސްގައި ވެސް ދިރުން ހުރިތޯ ޔަގީން ކުރުމުގެ މަސައްކަތް ސައިންޓިސްޓުން ދަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު