މާލޭ, ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮށްވައި އިއްޔެ ފެނުނު ޒުވާން އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން މިއަދު ބުނެފިއެވެ.
ފުލުހުން އިއްޔެ ބުނީ، އެ މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހެނދުނު 7:23 ގައި ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ އެހީތެރިކަމާ އެކު އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
އެއީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝިއަލް މިއަދު "ސަން"އަށް ވިދާޅުވީ އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުން އެ އަންހެން ކުއްޖާ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނީ އެތާ ކައިރި ހުރި އެހެން އިމާރާތެއްގެ މަތިންނެވެ.
ނަމަވެސް، އޭނާ އެތަނަށް ވެއްޓުނު ގޮތެއް ފުލުހުން މިހާތަނަށް ހާމަ ނުކުރާތީ އެކަން ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.