Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

މަޖީދިއްޔާއަށް 98 އަހަރު: ކުރީގެ ދަރިވަރުން އެދެނީ މަޖީދިއްޔާގެ ނޫރު ޖީލުތަކަށް ފޯރުކޮށްދިނުމަށް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒު، މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ރައީސް އައްފާލާއި، ކުރީގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ޞާލިހާއި، ޖަމިއްޔާގެ ބައެއް މެންބަރުންނާއެކު -- ފޮޓޯ: ރައީސް އޮފީސް

މަޖީދިއްޔާ ސްކޫލުގެ ނޫރު، އަންނާން އޮތް ޖީލުތަކަށް ފޯރުކޯށްދިނުމަށް ޓަކައި އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ރައީސް، އަދި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވެއްޖެއެވެ.

މިއަދަކީ މަޖީދިއްޔާ ސްކޫލްގެ 98ވަނަ އަހަރީ ދުވަހެވެ. މި ކަމާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން އައްފާލް ވިދާޅުވީ މިއަދު މަޖީދިއްޔާ ސްކޫލަށް ވަރަށް ގިނަ ކަންކަން ބޭނުންވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސްކޫލަށް އުމްރާނީ ގޮތުން ގެންނަންޖެހިފައިވާ ތަރައްގީއާއި، ސްކޫލުގެ ތާރީޚީ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމާއި ދަރިވަރުންގެ ކުރިއެރުމަށް ޓަކައި ބޭނުންވާ އިތުރު ކަންތައްތަކެއް ވެސް ހުރި ކަމަށް އައްފާލް ވިދާޅުވިއެވެ.

"މަޖީދިއްޔާ ސްކޫލް އެ ރަމްޒުކޮށްދޭ ޚާއްސަ އަގުހުރި ދަންމަރު، އެ ދަންމަރުގެ ސިފައިގައި އެތަކެއް ޖީލުތަކަށް ކުރިއަށްދާނެ ގޮތެއް އަޅުގަނޑުމެން އެންމެން އެބަޖެހޭ ހޯދައިދޭން. އެއީ މަޖީދިއްޔާ ސްކޫލްގެ ކުރީގެ އަދި މިހާރުގެ ދަރިވަރުންނާއި، ސިޔާސީ ބޭފުޅުންނާއި އަދި ސަރުކާރަށް ވެސް، މަޖީދިއްޔާގެ މުސްކުޅި ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން އަދި ފަޚުރުވެެރި ދަރިވަރެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު އިލްތިމާސްކުރާ ވަރަށް ބޮޑު ކަމެއް" އައްފާލް ވިދާޅުވިއެވެ.

އޭނާވަނީ މަޖީދިއްޔާގެ 98ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް، އެ ސްކޫލާ ގުޅުން އޮތް ހުރިހާ ފަރާތްތަކަށް ވެސް އަރިސްކުރައްވައިފައެވެ.

މަޖީދިއްޔާގެ އަހަރީ ދުވަހުގެ ހެޔޮއެދުންތައް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފޮނުއްވައިފައެވެ.

އެކްސްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު ކަމަށާއި، އެއީ މި ގައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ

މަޖީދީއްޔާގެ ފަޚުރުވެރި ހިޔަލުގައި ތައުލީމީ ހަޔާތުގެ ބިންގާ އަޅައި، މަޖީދިއްޔާގެ އެ އަލިގަދަ ނޫރުން ހަޔާތް އާރާސްތުކުރި ދިވެހި ދަރިއެއްގެ ހައިސިއްޔަތުން، ގައުމުގެ އެންމެ ޝަރަފުވެރި ތައުލީމީ މުއައްސަސާއަށް 98 އަހަރު ފުރޭ އުފާވެރި މުނާސަބަތުގެ އިޚުލާސްތެރި ހެޔޮ އެދުމާއި ތަހުނިޔާ އެ އެ މަރުކަޒުގެ އިސް ވެރިންނާއި، މުވައްޒަފުންނާއި، ދަރިވަރުންނާއި އަދި އިސް ދަރިވަރުންނާއި ޚިދުމަތްތެރިންނަށް އަރިސްކުރުމަކީ މިއަދު ލިބޭ ނުހަނު މަތިވެރި ޝަރަފެއް ކަމަށެވެ.

ޝާހިދުވަނީ އެ ސްކޫލުގެ ހަގީގީ ބާނީ، ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީން މި ގައުމުގައި އިލްމުގެ ނޫރު ފެތުރުއްވެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ޒިކުރާ އައުކުރައްވައިފައެވެ.

އަދި މި ގައުމުގެ ޚިދުމަތުގައި ސާބިތުކަމާއި، އަމާނާތްތެރި ކަމާ އެކު ދެމިތިބޭނެ މޫރިތި މުއާތިނުން ބިނާކުރާ ތައުލީމީ ހިޔަލެއްގެ ގޮތުގައި މަޖީދިއްޔާ ސްކޫލު އަބަދަށް ދެމެހެއްޓެވުމަށް އެދި ދުއާކުރައްވާފައިވެއެވެ.

މަޖީދިއްޔާއިން ތައުލީމު ހާސިލުކުރި އެތައް ދަރިވަރުންނެއް ތިބީ ގައުމީ ޚިދުމަތުގައެވެ. އޭގެ އިތުރުން ރާއްޖޭން ބޭރުގައި ވެސް އެ ސްކޫލުން އުނގެނުން އެތައް ދަރިވަރަކު، ހުނަރުވެރިކަމާއި ގާބިލްކަން ދައްކަމުން އެބަދެއެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި އެންމެ ފުރަތަމަ ސަރުކާރުން ހިންގަން ފެށި ސްކޫލެވެ.

comment ކޮމެންޓް