Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

ތަހުގީގަށް ނަގަނީ ބަރަހަނާ ފޮޓޯއެއް ނޫން، އާދައިގެ ފޮޓޯއެއް

ފުލުހުންގެ ކާރެއް: -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ތަހުގީގުތަކަށް މީހުންގެ ފޮޓޯ ނަގާއިރު ޖިންސީ ގުނަވަން ފިޔަވާ ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކޯޓު އަމުރުގައި އޮތް ނަމަވެސް ފުލުހުން ނަގަނީ ބަރަހަނާ ފޮޓޯ ނޫންކަން އެނގިއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)އާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން, ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށް، މިދިޔަ ހުކުރު ދުވަހު ވަނީ ޗިޓު ފޮނުވައިފައެވެ. ފޮޓޯގެ އިތުރުން އަޑުގެ ސާމްޕަލް ނަގަން ވެސް ކޯޓުން އޮތީ އަމުރު ކޮށްފައެވެ.

https://sun.mv/204998

ޖިންސީ ގުނަވަން ފިޔަވާ ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން އަމުރުގައި އޮތުމުން މި މައްސަލާގައި ތުހުމަތުވާ މާޒް ސަލީމާއި ބައެއް އާއްމުން ވެސް އެކަން ސިފަ ކުރީ އެ މީހުންގެ ބަރަހަނާ ފޮޓޯއެއް, ތަހުގީގަށް ނަގަން އުޅެނީ ކަމަށެވެ.

މިކަމުގައި ފުލުހުން އަމަލު ކުރާގޮތް "ސަން"އިން ބެލުމުން އެނގުނީ ފުލުހުން އެފަދަ އަމުރު ހޯދަނީ ފޮރެންސިކް ތަހުގީގަށް އެނަލިސިސް ހެދުމަށްޓަކައި މީހާގެ ފޮޓޯއެއް ނެގުމަށް ކަމަށެވެ. އެކަމަށް ނަގާ ފޮޓޯ ނަގަނީ ހެދުން ލައިގެން ތިއްބާކަން ވެސް ވަނީ އެނގިފައެވެ.

"ބަރަހަނާކޮށްގެން ތަހުގީގަށް ގެންނަ މީހުން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން. ފަހަރެއްގައި ކޯޓު އަމުރު އޮތް ގޮތުން އެ ބާރު ފުލުހުންނަށް ލިބިދާނެ. އެކަމަކު އެގޮތަށް ފޮޓޯއެއް ނުނަގާ. ހަމަ ހެދުން ލައިގެން ހުއްޓާ ފޮޓޯ ނަގަނީ," ކަން ހިނގާގޮތް އެނގޭ ބޭފުޅަކު "ސަން"އަށް ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި ފުލުހުން އެފަދަ އަމުރުތައް ހޯދަނީ ތަހުގީގަށް ހާޒިރު ކުރާ މީހުންގެ ފޮޓޯ ނެގުމަށް ފުލުހުން އެދުމުން ބައެއް މީހުން އެކަމާ ދެކޮޅު ހަދާތީއެވެ.

"އަމުރު އޮތްގޮތުން އެބަ އޮޅުން އަރާ. އެކަމަކު އެއްގޮތަކަށް ވެސް ބަރަހަނާކޮށްގެން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން."

މި ކަމާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މާޒް ސަލީމާއި މަންދީގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނަގަން އިއްޔެ ހާޒިރު ކުރާގޮތަށް އޮތް ނަމަވެސް ފަހުން ވަނީ އެކަން އެހެން ދުވަހަކަށް ފަސްކުރިކަން އަންގައިފައެވެ.

މަންދީއާއި މާޒް ސަލީމްގެ މައްޗަށް އެ ކޯޓުން އެފަދައިން އަމުރުކޮށްފައި ވަނީ، އެމްޑީޕީން ކުރިއަށްގެންދިޔަ މުޒަހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, ފުލުހުން މިހާރު ހިންގާ ތަހުގީގާ ގުޅިގެންނެވެ.

އެމްޑީޕީން ވަނީ، އެ މުޒާހަރާގައި ދައްކައިފައި ވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އެ ޕާޓީގެ މެންބަރުންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލަނީ އެމްޑީޕީގެ އަޑު ކަނޑުވާލުމަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒާއި އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ދިފާއުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ތެދުވެފައެވެ. ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީއާއި ފައްޔާޒް އަދި އެ ޕާޓީގެ އިސް ހަރަކާތްތެރީންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ، ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރި ގޮތުގައި އާއިލާ 'ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން' އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލަނީ ރައީސް މުއިއްޒުގެ ސިޔާސީ ބޭނުމަށެވެ.

comment ކޮމެންޓް