ދިވެހީން މި ތިބެނީ އަބަދު ވެސް އިންތިޚާބެއްގެ ތެރޭގައެވެ. ރައީސަކު ހޮވައި ނިންމާފައި އޭގެ ދުވަސްކޮޅެއް ފަހުން މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމެވެ. އޭގެ ފަހުން އަނެއްކާ ވެސް ކައުންސިލްތައް ހޮވުމެވެ.
މިއީ ޒަމާނުއްސުރެ އޮތް ކަންބޮޑުވުމެކެވެ،
ވަކިވަކިން ތިން އިންތިޚާބު އޮތީމާ ޚަރަދު ނިކަން ބޮޑެވެ. މީހުންނަށް ވެސް އެ އުނދަގޫ ޖެހެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަމަށް ހައްލެއް ހުށަހަޅުއްވައިފައެވެ. އެއީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިލުމާއި މަޖިލީހާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމެވެ. އެ މަނިކުފާނު މަސައްކަތްކުރައްވަނީ އެ ބަދަލުތައް ގެންނަން މި އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ.
"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްވާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެކު އެކީގައި ބޭއްވުން،" ރައީސް، ޖުލައި ހަތެއް، 2024 ގައި ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ މަޖިލީސް އިންތިޚާބު ނިމުންއިރު 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. ރިޔާސީ އިންތިޚާބުގެ ދެ ބުރު ނިމުންއިރު 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. އެހެންވެ، އިންތިޚާބުތައް އެއްކޮށްލީމާ 120 މިލިއަނެއްހައި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ހިސާބު ޖައްސަވައެވެ.
"ކުޑަ ރަށެއްގެ މީހުން ދާއިމަށް ބޮޑު ރަށަކަށް ބަދަލު ކުރަން ބެލިޔަސް އެ ފައިސާ ބޭނުންކުރެވޭނެ. އަދި އެއަށްވުރެ ކުދިކުދި ކަންކަމަށް ބަލާއިރު އެތައް އާއިލާއަކަށް އެތައް ކަމެއް ކޮށްދެވޭވަރުގެ އަދަދެއް އެއީ،" އެ މަނިކުފާނުގެ ވިސްނުންފުޅު ހިއްސާކުރެއްވިއެވެ.
އެ ވޯޓު މި އަހަރު ނަގަން ނިންމައި، މިދިޔަ ބުދަ ދުވަހު މުލީއާގޭގައި ޕީއެންސީ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަނީ އެ ކަމަށް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ ރިޔާސީ އިންތިޚާބު ވެސް އެއްބުރުން ނިންމާށެވެ. އޭރު ތަފުސީލެއް ހިއްސާނުކުރި ނަމަވެސް އެތައް މިލިއަނެއް ޚަރަދުވާ ސިޔާސީ މުވައްޒަފުން ގެންދަނީ 'ޕްރިފަރެންޝަލް ވޯޓިން ސިސްޓަމަކަށް' ތާއީދު ހޯދަން ނުރަސްމީ ކެމްޕޭނެއް ކުރައްވަމުންނެވެ. ފަހުން ރައީސް ވެސް ވަނީ ތާއީދުކުރައްވަނީ ޕްރިފަރެންޝަލް ނިޒާމަކަށްކަން ހާމަކުރައްވައިފައެވެ.
ޕްރިފަރެންޝަލް ވޯޓިންއަކީ ކޮބާ؟
މިހާރު ހަދާ ގޮތަކީ އެ މީހަކު ރުހޭ މީހެއްގެ ނަމުގައި ފާހަގަލަނީއެވެ. އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ނިޒާމަކަށް ދިވެހީން ހިޖުރަކުރި ފަހުން އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބެއް ނުކުރެވެއެވެ. އެއް ބުރުން އިންތިޚާބެއް ނިމުނީ 2018 ގައި އެކަންޏެވެ. އެ ފަހަރު އެހެންވީ ދެ ކެންޑިޑޭޓުން ވާދަކުރުމުންނެވެ.
އެހެން ކޮންމެ ފަހަރަކު އެންމެ ގިނައިން ވޯޓު ހޯދައި ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ. ގިނަ ފަހަރު ދެވަނަ ބުރު ކާމިޔާބުކުރިތަން ފެންނަން އޮތީ ވެސް ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯދި ކެންޑީޑޭޓު ނޫން އަނެއް ކެންޑިޑޭޓެވެ. ކޯލިޝަންތައް ހައްދަވައިގެންނެވެ.
މިހާރު ވޯޓު ކަރުދާސް އިންނަ ގޮތް: ޕްރިފަރެންޝަލް ނިޒާމެއްގައި ވޯޓު ދޭންޖެހޭނީ ތަފާތުކޮށް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
ޕްރިފަރެންޝަލް ވޯޓިންގައި ތަފާތަކީ، ކެންޑިޑޭޓުން ގިންތިކުރަން ޖެހުމެވެ.
އެ ފަދަ ނިޒާމެއްގައި ލާނީ ހެޔޮ ފާހަގައެއް ނޫނެވެ. ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކަމުދާ ކެންޑިޑޭޓާއި ދެވަނައަށް އެންމެ ރަނގަޅު ކެންޑިޑޭޓާއި ދެން އެންމެ ކަމުދާ ކެންޑީޑޭޓު ތަރުތީބުކުރާނީއެވެ.
އެ ފަދަ ނިޒާމެއްގައި އެއް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބިއްޖެ ނަމަ ދެން ބަލާނީ އެންމެ ގިނަ މީހުން ދެވަނައަށް ފާހަގަޖެހީ ކާކަށްތޯއެވެ. އެ ރޭޓިން ގުނަން ފަށާނީ އެއްވަނަ ރޭޓިން މަދުން ލިބުނު ކެންޑިޑޭޓުން ނުލައެވެ. އެއް ކެންޑިޑޭޓަކަށް 50 އިންސައްތަ ހަމަވަންދެން އެ އުސޫލުން ކުރިއަށް ގެންދާނެއެވެ.
އެހެންވެ، ދެވަނަ ބުރަކަށް ނުގޮސް އިންތިޚާބު ނިންމާލެވޭނެއެވެ.
މި ވަގުތު، މި ބަދަލު: ކީއްވެ؟
އިގުތިސާދީ ގޮތުން ބަލާނަމަ ޚަރަދުކުޑަކުރަން މިއީ ރަނގަޅު ދަނޑިވަޅެކެވެ. ސަރުކާރުން މި ބަދަލުތައް ވިއްކަނީ ވެސް އެހެން ކިޔައިގެންނެވެ. އެކަމަކު، ޚަރަދު ކުޑަކުރަން ކަމަށްވާނަމަ، އެއަށް ވުރެ މާ ބޮޑަށް ޚަރަދު ކުޑަކުރެވޭނެ މާ ރަނގަޅު ކަންކަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފެނިވަޑައިގަންނަވައެވެ.
"ޚަރަދު ކުޑަކުރަން ސިޔާސީ ވަޒީފާތައް ކަނޑާލައި. ބޭކާރު މިސައިލްތަކާ އެއްޗެހި ގަތުން ހުއްޓާލައި،" އޭނާ ފާޑުވިދާޅުވިއެވެ.
"ކޮސްޓް ކުޑަކުރާށޭ ކިޔާފައި ޕްރިފަރެންޝަލްއަށް [ދިއުން] އެއީ ހަމަ އެއްވެސް ވާހަކައެއް ނޫން. ކޮސްޓް ކުޑަކުރެވޭނެ އެހެން ގޮތްގޮތް ހޯދާ. ރައްޔިތުންނަށް އޮތް ޗޮއިސްއެއް ލިމިޓްކުރާކަށް، އިލެކްޝަންތައް މަދުކުރާކަށް ނުޖެހޭ. އެހެން ތަންތަނުން ކޮސްޓް ކުޑަކޮށްފައި އިތުރަށް ކޮސްޓް ކުޑަކުރަންޏާ އެ ކަމާ ވިސްނަން ޖެހޭނީ،"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ޕްރިފަރެންޝަލް ނިޒާމަކަށް ތާއީދުނުކުރައްވާ ކަމަށް -- ފޮޓޯ/ އެމްޑީޕީ
އެއީ ދޮގެއް ނޫނެވެ. ތަފާސްހިސާބުތަކުން ބަލާނަމަ، އެއަށްވުރެ މާ ބޮޑަށް މާ ފަސޭހައިން ޚަރަދު ކުޑަކުރެވެން އެބަހުއްޓެވެ.
މިއީ ތާރީޚުގައި ވެސް އެންމެ މަތިބަރު ސަރުކާރެވެ. ޖުމުލަ 22 ވުޒާރާއެވެ. އޭގެ އިތުރަށް ރައީސް އޮފީހުގައި ވެސް ހަމަ އެ ވަރަށް ވަޒީރު ބޭފުޅުން އެބަތިއްބެވެ. ކޮންމެ ވުޒާރާއެއްގައި 20،30 އިން ނައިބު ވަޒީރުންނާއި ސްޓޭޓުން އެބަ ތިއްބެވެ.
ސިޔާސީ މަގާމުތަކުގައި ތިބީ ކިތައް 'ބޭފުޅުން' ކަމެއް ނުވެސް އެނގެއެވެ. އެ ނޭނގޭ ލިސްޓުން 228 އަށްވުރެ ގިނަ މީހުން ވަކިކުރާނެ ކަމަށް އިއުލާނުކުރިޔަސް، ވަކިކުރި މީހުން ވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. އެޔެއް މިއެއް ނޭނގެއެވެ. ހިސާބު ފޮތުން ފެންނަނީ މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރަށްވުރެ 268 މިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި، އާސަންދައަށް ކުރި ޚަރަދު ވެސް 179 މިލިއަން ރުފިޔާ އިތުރެވެ. މި އަހަރު މިހާތަނަށް އާސަންދައަށް 665.9 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
އިންތިޚާބު ބާއްވާ ގޮތް ބަދަލުކޮށްގެން ސަލާމަތްކުރަން ރައީސް ހިސާބުޖެއްސެވި އަދަދަށްވުރެ ދެގުނަ ބޮޑުކޮށް މުސާރައާއި އިނާޔަތްތަކަށް އެކަނި ވެސް އެހާ އަވަހަށް ހޭދަވެއްޖެއެވެ. ސަރުކާރު ތެރެއިން 'މަސައްކަތެއް ނުކުރާ' ދެތިން ސިޔާސީ ބޭފުޅުން ވަކިކޮށްގެން ވެސް ރިފަރެންޑަމަކަށް ކުރަންޖެހޭ ޚަރަދުނުކޮށް މި ފައިސާ ސަލާމަތްކުރެވޭނެކަން ހިސާބުތަކުން އެނގެއެވެ.
ފައްޔާޒް ވިދާޅުވި ވާހަކައަކީ އެއީއެވެ. ޚަރަދު ކުޑަކުރަންޏާ މާ މޮޅު ގޮތްގޮތް އެބަހުއްޓެވެ.
"މިހާރު ވެއްޖިއްޔާ ރައްޔިތުންނަށް އެނގޭނެ 50 [އިންސައްތަ] ކްރޮސް ނުކޮށްފިއްޔާމުން ތިބީ ކޮން ދެ މީހުންނެއްކަން. އޭގެ ތެރެއިން ޗޮއިސް އެބަ ލިބޭ. އެހެން ނޫނީ އެ ނޭނގި މީހުން ޕްރިފަރެންޝަލް ދެވަނަ ވޯޓެއް ޖަހާނީ. އަނެއްކާ ސިޔާސީ ކަންކަން އޮންނަ ގޮތުން ހުރިހާ އެންމެން ޖަހާފާނެ ތިންވަނަ ފަރާތަކަށް، އަނެއް މީހާ ކެޓުވުމުގެ ގޮތުން. ޖަހާއިރުގައި އަސްލު ރައްޔިތުން ބޭނުންނުވާ ތިންވަނަ މީހަކު އައިސްދާނެ،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އޭނާގެ ހިޔާލަކީ ޚަރަދު ކުޑަކުރަންޏާ މަޖިލީސް އިންތިޚާބާއި ކައުންސިލް އިންތިޚާބު އެއްކޮށްލުމެވެ. އެހެން އެކަން ކުރަން އޭނާ ވެސް ތާއީދެވެ. އޭނާގެ އޮތީ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލީމާ މަޖިލީސް އިންތިޚާބުގައި ސަރުކާރާ ދެކޮޅު ނުވަތަ އެއްކޮޅު ވެސް ކެންޑިޑޭޓުން އިޚުތިޔާރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ނުލިބޭނެކަމުގެ ކަންބޮޑުވުމެވެ.
"އަޅުގަނޑަކަށް އަދިއެއް ނުފެނޭ ޕްރިފަރެންޝަލްއަށް ދިޔައީމާ ލިބޭ ފައިދާއެއް. ޑިމޮކްރަސީއަށް ލިބޭ ގެއްލުމެއް އަޅުގަނޑަށް ފެންނަނީ،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ނުބައި ނިޔަތެއް އޮވެދާނެތަ؟
ނަން ނުޖަހާގޮތަށް ވާހަކަދެއްކި ޕީއެންސީގެ އިސް ވެރިޔަކު ވިދާޅުވީ، ޕްރިފަރެންޝަލް ވޯޓިން ނިޒާމެއްގެ ދަށުން އެއްބުރުން ރިޔާސީ އިންތިޚާބު ނިންމާލުމަކީ އޭނާ ތާއީދުކުރައްވާ ކަމެއް ކަމަށެވެ. އެކަމަކު، މަޖިލީހުގެ މި ދައުރު ކުރުކޮށްލައި، ރިޔާސީ އިންތިޚާބާއި ދެ އިންތިޚާބު އެއްކޮށްލުމުގެ ނިޔަތާ މެދު އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
"ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް ސަރުކާރުތަކުން ކެމްޕޭންގެ ކަންކަން ހަވާލުކުރަނީ މެންބަރުންނާ،" އޭނާ ތަފުސީލުދެއްވަން ފެއްޓެވިއެވެ.
"އެކަމަކު، އެ މީހުން ގިނަ ފަހަރު ކެމްޕޭނަށް ދޭ ފައިސާ ޚަރަދުނުކޮށް، މި ބަހައްޓަނީ މަޖިލީސް އިންތިޚާބަށް. އެހެންވީމާ ދެ އިންތިޚާބު އެއްކޮށްލީމާ އެބަ އެނގޭ ދޯ އަމިއްލައަށް އިންތިޚާބުވާން ވެސް އެ މަސައްކަތް އެ މީހުން ކުރާނެކަން،"
ޕީއެންސީގެ މެންބަރުންނާ އެކު ރައީސް މުއިއްޒު: ރައީސް ގެންދަވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ވަކާލާތުކުރައްވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް
އިންތިޚާބުތަކަށް ގެންނަން ރައީސް ހުށަހަޅުއްވާ ސިޔާސަތުގެ ފަހަތުގައި އޮތީ ކޮން ނިޔަތެއްތޯ ސުވާލުކުރީމާ އޭނާ ދެއްވި ޖަވާބަކީ މިއީއެވެ.
ގާނޫނުއަސާސީ އެކުލަވައިލި ޚާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ތުހުމަތުކުރެއްވީ އެފަދައިންނެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެންނަނީ ދެވަނަ ދައުރެއް ހޯދަން ކަމަށް އޭނާ ވަނީ ސިފަކުރައްވައިފައެވެ. މުޅި އިދިކޮޅުގެ މައިގަނޑު ތުހުމަތަކީ ވެސް އެއީއެވެ. މި ބަދަލުތަކުގެ ފަހަތުގައި އޮތީ އެ ނިޔަތް ކަމެވެ.
ސަރުކާރުގެ ނިޔަތަކީ ހަގީގަތުގައި ވެސް ޚަރަދު ކުޑަކޮށް، ރައްޔިތުންނަށް ވެސް ލުއިވާނެ ރަނގަޅު އިސްލާހެއް ގެނައުން ކަމަށް ވެދާނެއެވެ. ނޫނީ، އޭގެ ފަހަތުގައި ސިޔާސީ ސަބަބުތަކެއް ވެސް އޮވެދާނެއެވެ. ނިޔަތް އެނގޭނީ ސަރުކާރަށެވެ. އިންތިޚާބުތައް މަދުކުރުމާއި ޚަރަދު ކުޑަކުރުމަކީ ބޭނުންތެރި ކަމެކެވެ.
އެ ބަދަލު ގެނައުމާ ގޮތެއް ނިންމާނީ ރައްޔިތުންނެވެ. އެކަމަކު، އެކަން ކުރަންވާނީ ރަނގަޅަށް ދިރާސާކޮށްފައެވެ.