Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

މިހާރު އޮތް ޕެންޝަންގެ ނިޒާމެއް ނުދެމެހެއްޓޭނެ، 2030 އަންނަންވާއިރަށް ދައުލަތަށް ބުރަވާނެ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއިއޯ ޝުޖާތާ ހަލީމް: އޭނާ ވިދާޅުވީ މިހާރު އޮތް ޕެންޝަންގެ ނިޒާމެއް ނުދެމެހެއްޓޭނެ ކަމަށާއި 2030 އަންނަންވާއިރަށް ދައުލަތަށް ބުރަވާނެ ކަމަށް-- ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 100 މިލިއަނެއްހާ ރުފިޔާ ހޭދަވާ ކަމަށާއި، 2030 ވަނަ އަހަރަށް ވާއިރު، އެ އަދަދު ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އެއީ ދައުލަތަށް ކުރަން އުނދަގޫވާނެ ޚަރަދެއް ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފިއެވެ.

ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ވަނީ މަސައްކަތް ފަށައިފައެވެ.

އެގޮތުން މިއަދު ބެއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ސީއިއޯ ޝުޖާތާ ހަލީމް ވިދާޅުވީ މިހާރު ޕެންޝަންގެ ގާނޫނުގެ ބޭރުން ހިންގާ އެކިއެކި ސްކީމްތަކުގެ ސަބަބުން ތަފާތުކުރުން ބޮޑު ނިޒާމެއް އުފެދިފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބަޔަކަށް ލިބޭ ފައިދާއެއް ކުއްލިއަކަށް ހުއްޓާލުމަކީ ވެސް އޭގެ އެންމެ ރަނގަޅު ގޮތެއް ނޫން ކަަމަށެވެ. އެގޮތުން މެދު މިނުގެ ހައްލެއް ހޯދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައިފަ އެބަޖެހޭ އެކަން ހުއްޓާނެ ތާރީޚެއް ކަނޑައަޅަން. އެއީ މުހިންމު ކަމެއް،" ޝުޖާތާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2030 ވަނަ އަހަރު އަންނައިރު 65 އަހަރުގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އަދި އުމުރުން ދުވަސްވާ މީހުންގެ ނިސްބަތް އިތުރުވުމަކީ ޕެންޝަނަށް ކުރާ ޚަރަދު ވެސް އިތުރުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދައުލަތަށް ބުރަބޮޑުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ތަނުގައި އުމުރުން ދުވަސްވާ މީހުން ގިނަވެގެންދާ ވަރަކަށް ޕެންޝަނަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ސަސްޓެއިނަބަލް ނުވާނެތީވެ،" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސީއެސްސީއާއި ޕެންޝަން އޮފީހުން ބައިވެރިވަނީ: ޕެންޝަން އޮފީހުން ބުނީ މިހާރު އޮތް ޕެންޝަންގެ ނިޒާމެއް ނުދެމެހެއްޓޭނެ ކަމަށާއި 2030 އަންނަންވާއިރަށް ދައުލަތަށް ބުރަވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ކޮމިޓީގައި ވާހަކަދައްކަވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ސިވިލް ސާވިސްއަކީ ދައުލަތުގެ އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ ބައި ކަމަށެވެ. ގާތްގަނޑަކަށް 35،000ހެއްހާ މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށް ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވި ގޮތުގައި 2008ކުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 5،336 މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތް އެ ކޮމިޝަނުން ވަނީ ހަމަޖައްސައިދީފައެވެ. އޭގެތެރެއިން 55 އަހަރުވެގެން މުސްކުޅިކުރެވުނު މީހުންގެ އަދަދަކީ 1،612 ކަމަށާއި، އުމުރުން 65 އަހަރުވެގެން މުސްކުޅިކުރެވުނު މީހުންގެ ތެރެއިން 3،626 ހިމެނޭ ކަމަށް ނާސިހު ވިދާޅުވިއެވެ.

ސިވިލް ސާވިސްގެ އިތުރުން އެހެނިހެން މުއައްސަސާތަކުން ވެސް 55 އަހަރުވުމުން މަގާމުން މުސްކުޅިކުރެވޭ ގޮތަށް އުސޫލުތައް ހަދާފައިވާކަން ނާސިހު ފާހަގަކުރެއްވިއެވެ.

"65 އަހަރާ ހަމައަށް ދާއިރު، ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އެ އޮންނަ ކޮންޓްރިބިއުޓަރީ ސްކީމް، އެގޮތަށް ކޮންޓްރިބިއުޓްކުރާ އެމައުންޓަކަށް ބޭޒްކޮށްފަ ވެސް [ޕެންޝަން] އެބަ ލިބޭ. ދެން އަޅުގަނޑުމެން ސިވިލް ސާވިސްއިން ވެސް ދޭ ރިޓަޔާމަންޓާ ދޭތި ވެސް ލިބޭކަހަލަ ގޮތަކަށް. އެއީ ކަންނެ ޑަބަލް ޕެންޝަން ބައެއް ފަރާތްތަކުން މާނަކުރައްވާ ގޮތަކީ،" ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވި ގޮތުގައި ޕެންޝަނަކީ ރިޓަޔާކުރުމުން ލިބޭ އެއްޗަކަށް ވާއިރު، ބައެއް މީހުން ސިވިލް ސާވިސްއިން ރިޓަޔާވުމަށްފަހު ސިވިލް ސާވިސް ނޫން އެހެން މުއައްސަސާތަކުގައި ވެސް މަސައްކަތްކުރެއެވެ. ސިވިލް ސާވިސްއިން ރިޓަޔާކޮށްފި މީހަކަށް ސިވިލް ސާވިސްގެ އެއްވެސް ވަޒީފާއެއް ދެން ނުދިން ނަމަވެސް އެހެނިހެން މުއައްސަސާތަކުގެ ގަވައިދުތައް ތަފާތުކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަން ހައްލުކޮށް މޮނިޓާކުރުމަކީ ވެސް ފަސޭހަކަމަކަށް ނުވާނެ ކަމަށް ނާސިހު ވިދާޅުވިއެވެ.

އެއީ އެއްވެސް ހާލެއްގައި ހަމަޖެހޭ އުސޫލެއް ނޫން ކަމަށާއި، ގާނޫނުގެ ތެރެއިން އެކަމަށް ހައްލެއް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާސިހު ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރިޓަޔާމަންޓުގެ މަގުސަދަކީ މަސައްކަތް ނުކޮށް ހުރުންތާ. ދެން ޕްރައިވެޓްކޮށް ނުކުރެވޭނެއެކޭ ނޫން. އެހެންނަމަވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ރިޓަޔާމަންޓް ބެނެފިޓެއް ލިބި، ދައުލަތުގެ ވަޒީފާއަކަށް އައުމަކީ ހަމަޖެހޭ އުސޫލެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ނާސިހު ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލީސް

މިފަހުން މާލިއްޔަތު ކޮމިޓީގައި ޑަބަލް ޕެންޝަންގެ ވާހަކަ ނެންގެވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.

އޭނާ ވިދާޅުވީ ފާއިތުވި 13 އަހަރުތެރޭ ޕެންޝަނަށް 2.96 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން މަސައްކަތް ފަށަން ވެއްޖެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންވެ، އޭނާއަށް ފެންނަނީ ކޮމިޓީން އިސް ނަގައިގެން މަސައްކަތްކޮށް، ގާނޫނުގައި ފުށޫ އަރާ ކަންތައްތައް ހައްލުކޮށް، ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަނާ ވާހަކަދައްކައިގެން، ސިވިލް ސާވެންޓުންނަށް މިހާރު ލިބޭ ޕެންޝަނަށް އުނިކަމެއް ނާންނަ ގޮތަށް ޑަބަލް ޕެންޝަން އުވާލުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުން އަވަސްކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގައުމުގެ އާމްދަނީއަށް ބަލާއިރު، މިހާރު ދޭ ގޮތަށް ޕެންޝަން ދެމުން ދިޔުމަކީ ދެމެހެއްޓެނިވި ކަމެއް ނޫންކަން ޕެންޝަން އޮފީހުން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

https://sun.mv/199711

ސިވިލް ސާވިސް ގާނޫނުގައި އޮތް ގޮތުގެ މަތިންނާއި، ވަކިވަކި އިދާރާތަކުން ޕެންޝަން ދިނުމުގެ ގަވައިދުތަކެއް ހަަދައިގެން ޕެންޝަން ދެމުން ދިޔުމުން ޕެންޝަންގެ ބުރަ ބޮޑުވުމަކީ މާލީ އިދާރާތަކުން ފާހަގަކުރަމުން އަންނަތާ، ގިނަ ދުވަސްވީ މައްސަލައެކެވެ. އެގޮތުން 2015ވަނަ އަހަރު އޮޑިޓަރު ޖެނެރަލް ނެރުއްވި ރިޕޯޓެއްގައި ވެސް ވަނީ އެގޮތަށް ޕެންޝަން ދެމުން ދިޔުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ދައުލަތުގެ ދަރަނި ބޮޑުވެފައިވާއިރު، އިގުތިސާދު ހަމައަކަށް އެޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑަބަލް ޕެންޝަން އުވާލުމަކީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެމް)އިން ވެސް ލަފާދީފައިވާ ގޮތެވެ.

މި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ވަނީ، މި އަހަރުން ފަށައިގެން ޑަބަލް ޕެންޝަން އުވާލަން އިއުލާނުކޮށްފައެވެ. ނަމަވެސް އެ ނިންމުން ފަހުން ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް