ވީހާވެސް ގިނަ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުން (ސީއެފްއޯ) އަދި ޗީފް އިންޓާނަލް އޮޑިޓަރުން (ސީއައިއޭ) އައްޔަނުކުރުމުގައި ލުއިތަކެއްދީ އާ އުސޫލެއް މިއަދު އާންމުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ބުނީ، އާ އުސޫލެއް އެކުލަވައިލީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސީއެފްއޯ އަދި ސީއައިއޭ އައްޔަނުކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތުގެ އަސާސީ އުސޫލުތައް ކަނޑައެޅުމަށާއި، އެ މަގާމުތަކަށް މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ރިއާޔަތްކޮށްފައި ކަމަށެވެ. އަދި، ވީހާވެސް ގިނަ މީހުން އެ މަގާމުތަކަށް ކުރިމަތިލެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އާ 'މިނިމަމް ރިކުއާމަންޓް'ގެ އުސޫލެއް އެކުލަވައިލީ ކަމަށް ޕީސީބީން ބުންޏެވެ.
އެ މީހުންނަކީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންނަށް އަދި މަސްލަހަތުވެރިންނަށް ޖަވާބުދާރީވެވޭނެ ޒިންމާދާރު، ތައުލީމީ، ތަޖުރިބާހުރި މީހުންކަމުގައި ހެދުމުގެ ބޭނުމުގައި ކަމަށް އެ ބޯޑުން ބުންޏެވެ.
އުސޫލުގައިވާ ބުނެފައިވާ ގޮތުގައި މި އުސޫލު ހިނގާނީ:
- ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުނިތަކަށް
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިސްޓެޑް ކުންފުނިތަކަށް
- ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިސްޓުނުކުރާ ކުންފުނިތަކަށް
ސީއެފްއޯއަކީ ކުންފުނީގެ މާލީ ކަންކަމާއި އިސްތިރާޖުތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ކުންފުނީގެ އެގްޒެކެޓިވް މަގާމެއް އަދާކުރާ ބޭފުޅެކެވެ. އަދި، ސީއެފްއޯ ރިޕޯޓުކުރަން ޖެހޭނީ ހަމައެކަނި ކުންފުނީގެ ބޯޑަށާއި މެނޭޖިން ޑިރެކްޓަރަށް ކަމަށް އުސޫލުގައިވެއެވެ.
ސީއައިއޭއަކީ ކުންފުނީގައި މުހިންމު ދައުރެއް އަދާކުރާ އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާނެ ބޭފުޅާއެވެ. އަދި، ސީއައިއޭ ޕްރައިމަރީ ރިޕޯޓިން ލައިންގެ ގޮތުގައި ރިޕޯޓުކުރާނީ ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއަށް ކަމަށާއި، އެއްވެސް ސަބަބަކާހުރެ އޮޑިޓް ކޮމިޓީއަށް ރިޕޯޓުނުކުރެވޭނަމަ އެ ބޭފުޅަކަށް ކުންފުނީގެ ބޯޑަށް ރިޕޯޓުކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މި އުސޫލުގައި ސީއެފްއޯ އަދި ސީއައިއޭ މަގާމުން ދުރުކުރެވޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައިވެއެވެ. އެ ހާލަތްތަކަކީ:
- އުސޫލާ ޚިލާފަށް އަދި ކުންފުނީގެ އެޗްއާރް ޕޮލިސީއާ ޚިލާފަށް ސީއެފްއޯ/ ސީއައިއޭ މަގާމަށް އެއްވެސް ފަރާތެއް އައްޔަނުކޮށްފައިވުން.
- އާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން އައްޔަނުކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތެއްގެ ކިޔެވުމުގެ ޕްރޮގްރެސް ކުންފުނީގެ އެޗްއާރްއިން ބަލައި، ދެ އަހަރު ދުވަހުގެ ތެރޭ ތައުލީމީ ޝަރުތު ފުރިހަމަކުރުމަށް އެދެވޭ ފެންވަރެއްގެ މަސައްކަތެއް ނުކުރެވޭ ކަމަށް ފެނިއްޖެނަމަ ވަޒީފާއިން ވަކިކުރުން.
- މި ނޫން ހާލަތެއްގައި ސީއެފްއޯ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމާނީ ކުންފުނީގެ ބޯޑުން.
- މި ނޫން ހާލަތެއްގައި ސީއައިއޭ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމާނީ އޮޑިޓް ކޮމިޓީގެ ލަފާގެ މަތިން ކުންފުނީގެ ބޯޑުން.
މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރު ތަމުސީލުކުރާ ފަރާތްތައް އައްޔަނުކުރުމާއި ވަކިކުރުމުގައި ޕީސީބީން އަމަލުކުރާނެ ގޮތުގެ އުސޫލަށް ވަނީ ތިންވަނަ އިސްލާހެއް ގެނެސްފައެވެ.
އެއީ، ފައިނޭންސް އަދި އެކައުންޓްގެ ދާއިރާއިން ނޮން-އެގްޒެކެޓިވް ޑިރެކްޓަރު އައްޔަނުކުރާއިރު ބަލާނެ މިންގަނޑުތަކެވެ.
އެގޮތުން، ޗާޓާޑް އެކައުންޓެންޓް ކޮލިފިކޭޝަން އޮތުމާ އެކު ދާއިރާއާ ގުޅޭ ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. މާސްޓާ އޮފް އެކައުންޓިން ނުވަތަ ފައިނޭންސް ނުވަތަ އޮޑިޓިން ކޮލިފިކޭޝަނާ އެކު ދާއިރާއާ ގުޅޭ ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. އަދި، ބެޗްލާ އޮފް އެކައުންޓިން ނުވަތަ ފައިނޭންސް ނުވަތަ އޮޑިޓިން ކޮލިފިކޭޝަނާ އެކު ދާއިރާއާ ގުޅޭ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.