މާލޭ ކެފޭއެއްގައި މިއަދު ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީއެއް ހިންގައި، ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން 'ސަން'އާ ހިއްސާކުރި މެސެޖެއްގައި ވަނީ، މާލޭ މާފަންނުގައި ހުރި ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގެ މައްސަލަ މިއަދު 15:38 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗު ހޮސްޕިޓަލުގެ ބަހެއް ހޯދަން 'ސަން'އިން މަސައްކަތް ކުރި ނަމަވެސް އަދި ކާމިޔާބުވެފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާރާމާރީތައް ހިނގާ މިންވަރު އާންމުވެފައިވާއިރު، ބިދޭސީންގެ މެދުގައި ހިނގާ މާރާމާރީތައް ވެސް މިފަހުން ވަނީ ފެންމަތިވާން ފަށާފައެވެ.
އެގޮތުން، މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ތިން މީހަކާއި ކުޑަކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ. މި މާރާމާރީގައި ބަންގްލަދޭޝް މީހަކަށް ހަމަލާދީ އޭނާގެ ބުމަ މަތިން ފަޅައިލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއާއެކު އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.