Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

މާސްކު ޕާޓީ، ބޮޑު ނުބައެއްގެ ފެށުން

މާސްކު ޕާޓީއެއްގެ މަންޒަރެއް --- ފޮޓޯ/ އަލޭކާސްގެޓްޓްގެދަރ.ކޮމް

އުފަން ދުވަހުގެ ޕާޓީ ފަދަ ހަފުލާތަކުގައި ކާޓޫނު ކަރެކްޓާތަކާއި ޖަނަވާރު ފަދަ ތަކެތި ރަމްޒުކޮށްދޭ މޫނުމަތި ނުވަތަ މާސްކު އަޅައިގެން އުޅުމަކީ ވަރަށް ފަހުން ދިވެހީންގެ ތެރެއަށް ތަޢާރަފުވީ ކަމެކެވެ. އަދި މި ކަންތައް އާއްމުވަމުން ގޮސް އެންމެ ފަހުން މަދަރުސާ ކުދީންގެ ގުރެޖުއޭޝަން ޑިނާ ނައިޓުތަކާ ހިސާބަށް ފޯރައިފިކަމުގެ ހިތާމަވެރި ޚަބަރު ލިބެއެވެ. މި ބާވަތުގެ "މާސްކު ތީމް" ޕާޓީއެއް ދާދި މިދާކަށް ދުވަހު މާލޭގެ ބޮޑު މަދަރުސާއެއްގައި ބާއްވައިފިއެވެ.

އިސްލާމީ މަންހަޖާ ބީރައްޓެހި ތަޢުލީމެއް ދެވޭ، މި ރާއްޖޭގެ މަދަރުސާތަކުން ދަސްވެނިވާ ދަރިވަރުންނަށް، އެންމެ ފަހުން ބޭއްވޭ ހަފުލާއަކީ ވެސް ޣައިރު މުސްލިމުންގެ ސަގާފަތާ އެއްގޮތަށް ބޭއްވޭ ހަފުލާއަކަށްވުމަށް ރުހެވެނީ އެއީ ކިހައި ވަރެއްގެ ކަމެއްކަން ނޭނގޭތީ ކަމަށް ވެދާނެއެވެ. ވުމާއެކު، މާސްކު ޕާޓީއަކީ ކޮބައިކަމާއި އޭގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަންތައްތަކެއްކަން މި މަޒުމޫނުގައި ހިމަނައިލާނަމެވެ.

މާސްކު ޕާޓީ ނުވަތަ މަސްކަރެއިޑް ބޯލްސްއަކީ 15 ވަނަ ގަރުނުގެ ތެރޭގައި އިޓަލީގެ ވެނިސްގައި އެބައިމީހުންގެ ކާނިވަލް ސީޒަންގައި ފެށިގެން އައި ކަމެކެވެ (ޓްރެޝަރ، 2021). އޭގެ ފަހުގައި، ޔޫރަޕުގެ އިސްތިޢުމާރުގެ ދަށުގައި ވި ބައެއް ގައުމުތައް ކަމަށްވާ އެފުރިކާއާއި ކެރީބިއަން ފަދަ ސަރަހައްދުތަކަށް އެ ކަން ތަޢާރަފުވިއެވެ (ލޭންޑްސްޓެޑްޓް، 2013). އެއާ އެކު ފުރާންސާއި އިޓަލީގައި 16 ވަނަ ގަރުނުގައި ރެނެއިސަންސްގެ ދުވަސްވަރު މަސްކަރެއިޑް ބޯލްސް އިތުރަށް މަގުބޫލުވިއެވެ. އެ ގޮތުން، ފުރާންސުގެ ރަސްގެފާނު ލުއީ 14 ގެ ދުވަސްވަރު އޭނާގެ ދަރުބާރުގައި، އާދަޔާ ޚިލާފު ނުވަތަ މީހުންގެ ސަމާލުކަން ލިބޭ ފަދަ ހެދުމާއި މާސްކު އަޅައިގެން ތިބެ މިއުޒިކާއި ނެށުމާއި އަދި ތިއޭޓަރުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ (ލެވީ، 2002). އަދި މި ޕާޓީތަކުގައި ސީދާ ރަސްގެފާނު ލުއީ އާއި އޭނާގެ އަރިސް މީހުން ވެސް މާސްކު އަޅައިގެން ބައިވެރިވެފައިވާކަން އެނގެއެވެ (ވޮރިކް، ރެބިކާ، 1992).

މާސްކު ތީމް ޕާޓީތައް ބޭއްވުމުގެ ސަގާފަތެއް މި ރާއްޖޭގައި ދިރިގެން އަންނައިރު، މި ކަމުގެ ހުރި ސީރިޔަސް ކަމާ މެދު ފުންކޮށް ވިސްނާން ޖެހެއެވެ. ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ގެންދެވޭ މި ހަރަކާތް ތަރައްގީވަމުން ގޮސް، "އޭގެ އަސްލު ގޮތުގައި" ހިނގާން ފެށުމުން ދެން ނުކުންނާނެ ނަތީޖާތައް ވަރަށް ހިތިވާނެކަން ދަންނާން ޖެހޭނެއެވެ. ހަގީގަތަށް ބަލާއިރު މާސްކު ޕާޓީއަކީ އޭގެ އަސްލުގައި، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އެތައް ކަމެއް އެކުލެވޭ ޝައިތާނީ ހަރަކާތެކެވެ.

މަސްކަރެއިޑް ބޯލްސް ޕާޓީގައި ބޭނުން ކުރާ މާސްކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއްވެއެވެ. އެ ގޮތަށް މާސްކު އެޅުމުގެ ބޭނުމަކީ އޭނާއަކީ ކާކުކަން އެހެން މީހުންނަށް ސީދާ ގޮތެއްގައި އެނގުނަ ނުދިނުމެވެ. އަދި އެ ގޮތުގައި ހުރެގެން ބޭނުން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ހޯދުމެވެ. މި މާސްކުގެ ނިވަލުގައި ހުރެގެން އޭނާއަށް ނުކުރެވޭނެ ކަމެއް ނޯވެއެވެ. އެއީ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވަތަ އަޚުލާގީ އަދި ދީނީ މިޢުޔާރު (norm) ތައް ފަހަނަ އަޅައި ދާ ޢަމަލުތަކެއް ކަމަށް ވިޔަސް އެ މާސްކުގެ ނިވަލުގައި އެ ފަދަ ކަންކަން ކުރުން ހުއްދަ ވެއެވެ (ޓްރެޝަރ، 2021)؛ (ލީ، 2023). އެއީ އެ ފަދަ ޕާޓީތަކުގައި އެ ކަން އޮންނަ ގޮތެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، މަސްކަރެއިޑް ބޯލްސް ޕާޓީގެ ފަނޑު އަލީގެ ތެރޭގައި، ހިލޭ އަންހެނުންނާއި ފިރިހެނުން އަތާއި އަތް ޖޯޑުކޮށްގެން ތިބެ ނަށައި މަޖާކޮށް، ޝަހުވަތްތެރި ވާހަކަ ދައްކައި، ގައިގޯޅި ވެ ބަދު އަޚުލާގީ ގުޅުންތައް ހިންގައެވެ (ކާސުލް، 1986).

ބްރިއާން ކޮވާން (2007) ބަޔާން ކުރާ ގޮތުގައި، މަސްކަރެއިޑް ޕާޓީއަކީ ހަމައެކަނި، ދެ ޖިންސުގެ ހިލޭ މީހުން އެކުގައި ނަށައިލުމަކުން ނިމިގެންދާ ކަމެއް ނޫނެވެ. އެއާ އެކުގައި، ޝަހުވަތު ހިލި ދާ ފަދަ ވާހަކަތަކާއި ނެށުމާއި ކުޅިވަރުގެ ހަރަކާތްތަކަށް ފަހު ވަކިވަކި ކޮޓަރިތަކަށް ނުވަތަ އެކަހެރި ތަންތަނަށް ގޮސް މުޑުދާރު ފާޙިޝް ޢަމަލުތައް ހިންގުމުގެ ފުރުސަތު ޕާޓީގެ ބައިވެރީންނަށް ލިބިދެއެވެ.

ހުޅަނގުގެ މުޖުތަމައުތަކުގައި އިޖުތިމާއީ މިންގަނޑުތަކުން ބަލާ އިރު އާއްމުކޮށް "ހުތުރު" ކަންކަމުގެ ގޮތުގައި ބެލެވޭ ކަންތައްތައް ސިއްރިއްޔާތުގައި ކުރުމުގެ ފުރުސަތު މާސްކު ޕާޓީގައި ފަހިވެއެވެ. އެރިސްޓޯކްރެޓިކް މުޖުތަމައުތަކުގައި ގެންގުޅޭ ދެ ފުށް ދެ ގޮތް އަޚުލާގުގެ ތެރޭގައި މި ކަން ވެސް ހިމެނެއެވެ. އާއްމު މީހުންގެ ކުރިމަތީގައި ވަރަށް ރަނގަޅު ކަމަށް ހެދިގެން އުޅޭއިރު، މީހުންނަށް ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ތިބެ ނުބައި ޢަމަލުތައް ހިންގުމަކީ އެ ފަދަ މުޖުތަމައުތަކުގައި އޮންނަ ކަމެކެވެ (ކާސުލް، 1986)؛ (މުއިރް، 1981).

މަސްކަރެއިޑް ބޯލްސް ޕާޓީގައި އެކުލެވޭ އިތުރު ނުބައި ޢަމަލުތަކުގެ ތެރޭގައި، ރާ ބޮއެ މަސްތުވާތަކެތި ބޭނުން ކުރުމާއި، ނިވައިކަން ކުޑަ ހެދުން އަޅައިގެން އުޅުން ވެސް ހިމެނެއެވެ (ކޮވާން، 2007)؛ (ޕިޓްމަން، ވައިޓް، 2009). އަދި އެ ފަދަ ޕާޓީތަކުގައި ބައިވެރި ވާ، ކައިވެނި ކޮށްގެން އުޅޭ މީހުން އެ މީހުންގެ އަނބި ނުވަތަ ފިރިމީހާއަށް ބޭވަފާތެރިވެ އެހެން މީހުންނާ ނަހަމަ ގުޅުންތައް ހިންގުމަކީ ވެސް ކުރާ ކަމެކެވެ. މިއާ އެކު، ސިޔާސީ ނާޖާއިޒު ޑީލުތައް ހެދުމާއި ވައްކަމާއި ބްލެކްމެއިލް ކުރުމާއި އަދި ތަފާތު ޖަރީމާތައް ރޭވުމަކީ ވެސް މި ފަދަ ޕާޓީތަކުގެ ތެރޭގައި ހިންގާ ކަންތައްތަކެވެ (މުއިރް، 1981)؛ (ކާސުލް، 1986).

ބަޔާންވެ ދިޔަ މައުލޫމާތުން އެނގުނު ގޮތުގައި، އިސްލާމީ މުޖުތަމައެއްގައި މަސްކަރެއިޑް ބޯލްސް ޕާޓީއެއް ބޭއްވުން ހުއްދަ ވާނެ އެއްވެސް ގޮތެއް ނެތެވެ. އެ ފަދަ ޕާޓީއެއް އޭގެ އަސްލު ސޫރައިގައި ބޭއްވުން ކަނޑައެޅިގެން ހަރާން ވާނެއެވެ. އެއީ އިސްލާމް ދީނުގައި ހަރާން ކުރައްވާފައިވާ އެތައް ކަމެއް އެ ފަދަ ޕާޓީތަކުގައި އެކުލެވިގެން ވާތީއެވެ (އައްނޫރު، 30-31)؛ (އަލްއަޙްޒާބު، 59)؛ (އަލްމާއިދާ، 90)؛ (އިބުނު މާޖާ، 3394)؛ (ބުޚާރީ، 6094)؛ (އަބޫ ދާއޫދު، 4031)؛ (ޤަރުޟާވީ، 1997)؛ (ކަމާލީ، 1991).

ޒުވާނުންނަކީ އައު ކަންތައްތަކަށް ޝައުގުވެރިވާ އަދި އެ ފަދަ ކަންކަމަށް ފަސޭހައިން ލެނބޭ ބަޔަކަށް ވުމާ އެކު، މަސްކަރެއިޑް ބޯލްސް ޕާޓީއާއި އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގައި ހައި ސްކޫލު ނިންމާ ދަރިވަރުންނަށް ބާއްވާ ޕްރޮމް ނައިޓް ޕާޓީ ފަދަ ހަފުލާތައް އޭގެ އަސްލު އަހުލުވެރީން ބާއްވާ ގޮތް ބަލައި ހޯދާނެއެވެ.

ނަތީޖާއެއްގެ ގޮތުން، މިހާރު އަހުރެމެންގެ ތެރޭގައި "ކުޑަ ގޮތަކަށް" ކަމަށް ދޭހަވާ މޭރުމުން ކުރިއަށް ގެންދަން ފަށާފައިވާ އެ ފަދަ ހަފުލާތައް މުސްތަގުބަލުގައި ބޮޑުވެ، އޭގެ އަސްލު ސޫރައިގައި ކުރިއަށް ގެންދާން ފަށާނެއެވެ. އެހެންކަމުން، އަސްލާ ތަފާތުކޮށް ކަމަށް ވިޔަސް މާސްކު ތީމް ޕާޓީ ބޭއްވުން އެންމެ ކުޑަ މިނުން ސައްދުއްޛަރާއިޢު (blocking the means) ގެ ދަށުން މަނާ ކުރަން ޖެހޭނެއެވެ. އެއީ، ފެނި ހުރެގެން އަންނަ ނުބައި ވެގެންވާ ފާޙިޝް ޝައިތާނީ ޢަމަލުތަކެއް ހުއްޓުވުމަށް ޓަކައެވެ.

ވީމާ، ވަލިއްޔުލްއަމްރާއި، ކަމާ ބެހޭ އިދާރާތަކުގެ ވެރީންނާއި، ކަންކަން ރާވާ އިންތިޒާމު ކުރާ ފަރާތްތަކާއި، މުދައްރިސުންނާއި އަދި ބެލެނިވެރީން ވެސް މި ސީރިޔަސް މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭނެއެވެ. މި ކަން އިތުރަށް ފުޅާވެ ތަރައްގީވެގެން ނުދަނީސް މުޅީން ހުއްޓުވައި މުޖުތަމައާއި އިސްލާމީ އުއްމަތް ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭތޯ މަސައްކަތް ކުރާން ޖެހޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް