ޕާޓީކުރިކަމަށް ތުހުމަތުވެ، ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި މިއަދު ރައީސް އޮފީހުގެ އިސް މަގާމަކުން ވަކިކުރި, އިޒްދިޔާން މުހައްމަދު މައުމޫނަށް މިސަރުކާރުން ވަޒީފާދިންއިރު އޭނާގެ ކުށުގެ ރެކޯޑް އޮތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު މާލޭ ގުދަނެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް 21 އަހަރުގެ ދިވެހި އަންހެނެއްގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން މާލޭގައި ޒުވާން ގުރޫޕަކުން ބުރާސްފަތި ދުވަހުގެ ރޭ މަސްތުވާތަކެއްޗާއެކު ޕާޓީ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެ ޕާޓީގައި ރައީސް އޮފީހުގައި މަސައްކަތްކުރާ ބަޔަކު މަސައްކަތްކުރި ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.
އެހެން އޮއްވައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވު ދާއޫދު އަހުމަދާއި އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ޕާޓީކުރާ ކަމަށް ބެލެވޭ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ދާއޫދާއި އިޒްދިޔާނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ ގޮތުން، ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދާއޫދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރި ކަމަށެވެ. އަދި، ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޓީން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ. އެކަމަކު، މި މައްސަލައިގައި ދެން ހިމެނޭ އިޒްދިޔާން ވަނީ މަގާމުން ވަކިކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ރޭ ޕާޓީކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަ ކުރިއިރު އޭގެ ތެރޭގައި އިޒްދިޔާން ހިމެނެއެވެ. އިޒްދިޔާންއަކީ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. އަދި އެ ރޭ ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެވެނީ އަމީންމެންގެ އާއިލީގެ, މއ. މާންދޫގޭދެކުނުގޭގައެވެ. އިޒްދިޔާންގެ ވެސް ރަޖިސްޓްރީ އޮންނަނީ އެގޭގައެވެ.

ހަމަ އެ ގެއަށް ނިސްބަތްވާ, ޔޫސުފް އަޙްމަދު އަކްރަމް ވެސް އެ ރޭގެ ޕާޓީގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
އެ ރޭ ޕާޓީކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކުރިއިރު އިޒްދިޔާންގެ އިތުރު ތަފުސީލުގެ ގޮތުގައި ފުލުހުން ހާމަކޮށްފައިވަނީ 2015 އިން 2017 އަށް މަސްތުވާތަކެތީގެ މައްސަލައިގެ ރެކޯޑް އެބައޮތް ކަމަށެވެ.
އެހެންކަމުން, ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން, އިޒްދިޔާނަށް ރައީސް އޮފީހުން އިސް މަގާމެއް ދެއްވިއިރު ފުލުހުންގެ އަތުގައި އޭނާގެ ކުށުގެ ރެކޯޑް އޮތްކަން މިކަމުން ސާފުވެއެވެ.
ޕާޓީކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ މީހުންނަކީ:
- އައިޝަތު ލަޔާލީ އިގުބާލް
- އިޒްދިޔާން މުހައްމަދު މައުމޫން
- ޔޫސުފް އަހުމަދު އަކްރަމް
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
- އާމިނަތު ޖުނައިރާ ޖަމްޝީދު
- ހުސައިން ހަމީސް އަލީ
- އިޖާޒް ޖާއިޒް
އެ އެންމެން ވެސް ރާއްޖޭން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް, ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މިނިސްޓަރު އަމީން ރޭ ވިދާޅުވި ގޮތުގައި އެ ގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެކެވެ.
އަދި އޭނާ ދިރިއުޅޭ ގޭގައި އެފަދަ އެއްވުމެއް ހިނގިކަން ވެސް އެނގުނީ ހުކުރު ދުވަހުގެ ހަވީރު ކަމަށާއި، އެ ކަމެއް ހިނގީ އަމީންގެ އެޕާޓްމެންޓުގައި ނޫން ކަމުން، އަމިއްލަ އެޕާޓްމެންޓުގެ ބޭރުން ހިނގާ ކަންކަމަށް ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
މިއަދާ ހަމައަށް ވެސް މި މައްސަލައިގައި ތަންފީޒީ އެއްވެސް އިދާރާއަކަށް، ނުވަތަ ސަރުކާރުގެ އެހެން އިސް ފަރާތަކަށް ގުޅައި، ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން އެދިފައިނުވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަދި މި މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާވަނީ ސޯޝަލް މީޑިއާގައި ކުރެވެމުންދާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.