ބެއިޖިން (11 އެޕްރީލް 2025) : އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ނަގާ ޑިއުޓީ 125 އިންސައްތައަށް އެމެރިކާ ބޮޑުކުރުމުން އެކަމުގެ ރައްދެއްގެ ގޮތުން ޗައިނާއަށް އެތެރެކުރާ އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ ވެސް 125 އިންސައްތައަށް ބޮޑުކުރަން ޗައިނާ ނިންމައި އެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ޗައިނާގެ މާލީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމަށް އެތެރެކުރާ އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ މާދައިން ފެށިގެން 125 އިންސައްތައަށް ބޮޑުކުރުމުގެ ނިންމުމެއް އެ ވުޒާރާއިން ނިންމައި މިއަދު އެކަން އެމެރިކާއަށް އަންގާފައިވާނެ ކަމުގައެވެ.
އަނެއްކޮޅުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ލިން ޖިއާން ވަނީ ދުނިޔޭގެ މިނިވަން ވިޔަފާރިއަށް އެމެރިކާ ހުރަސްއަޅައި މާކެޓް އިކޮނޮމީގެ ދާއިރާ ހަނިކުރަން އެމެރިކާ މަސައްކަތް ކުރާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރައްވާފައެވެ.
މީގެއިތުރުން ޗައިނާގެ ތަރުޖަމާން ވަނީ ގާނޫނާއި ގަވައިދުގެ މައްޗަށް ބިނާކޮށްފައިވަ ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ ގަވައިދުތަކާއި އުސޫލުތަކަށް ވެސް އެމެރިކާ އިހުތިރާމް ނުކޮށް އެ އުސޫލުތަކަށް އެމެރިކާ ގޮންޖަހައި ދުނިޔޭގައި ވިޔަފާރީގެ ހަނގުރާމައެއްގެ ހުޅުގަނޑު އެމެރިކާއިން ރޯކޮށްފައިވާ ކަމަށް ވިދާޅުވެ މިކަމުގެ ޒިންމާ އެމެރިކާ ނަަގަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
އެމެރިކާ ވަނީ ޗައިނާ ހިމެނޭ ގޮތަށް އެ ގައުމަށް މުދާ އެތެރެކުރާ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ މުދަލުން ޓެރިފްގެ ގޮތުގައި ބޮޑު ޕަސެންޓެއް ނެގުމަށް ނިންމައި އެކަން ތަންފީޒުކުރާނެކަން އިއުލާންކޮށްފައެވެ. ރައްދުގައި ޗައިނާވަނީ އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ 84 އިންސައްތައަށް ބޮޑުކުރިކަން މި މަހުގެ ނުވަވަނަ ދުވަހު އިއުލާންކޮށްފައެވެ.
ނަމަވެސް އެމެރިކާގެ އެ ނިންމުމާއެކު އެމެރިކާ ހިއްސާގެ ބާޒާރުގައި ކުންފުނިތަކުގެ ހިއްސާތަކުގެ އަގު ވެއްޓި އެތައް ހާސް ބިލިޔަން ޑޮލަރެއްގެ ގެއްލުން ލިބެން ފެށުމުން ޓްރަމްޕް ވަނީ ޗައިނާ ނޫން ގައުމުތަކުން ޓެރިފް ނެގުމުގެ ކަންތައް ތަންފީޒުކުރުން 90 ދުވަހަށް ފަސްކޮށްފައެވެ.
ނަމަވެސް އެމެރިކާވަނީ ހަމަ އެދުވަހު ޗައިނާގެ މުދަލުން ނަގާ ޑިއުޓީ 125 އިންސައްތައަށް ބޮޑުކޮށްފައެވެ. ރައްދުގައި ޗައިނާ ބުނެފައިވަނީ އެ ގައުމުން އެކަމަށް ވަރަށް އަވަހަށް ރައްދު ދޭނެކަމުގައެވެ. އަދި އެމެރިކާއަށް ކުޑަމިންވަރެއްގެ ދުލެއް ވެސް ނުދޭނެކަމަށާއި އެމެރިކާއިން ވިޔަފާރީގެ ހަނގުރާމަ ހުއްޓާލަންދެން ދޫ ނުދީ ކުރިޔަށް ގެންދާނެކަމުގައެވެ.
މިގޮތަށް އިއުލާން ކުރުމަށްފަހު ޗައިނާގެ މާލީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމަށް އެތެރެކުރާ އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ މާދައިން ފެށިގެން 125 އިންސައްތައަށް އިތުރު ކުރުމަށް ނިންމައި އެކަން އެމެރިކާއަށް އަންގާފައިވާނެ ކަމުގައެވެ.
މީގެއިތުރުން ޗައިނާ ވަނީ އެމެރިކާގެ 18 ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅައި އެކަން އިއުލާން ކޮށްފައެވެ. މީގެތެރޭގައި ގިނައީ އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުނިތަކެވެ.
ޗައިނާ އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހިމެނެނީ އެގައުމުގައި އުފައްދާ ތަކެތީގެ ތެރެއިން މަދަނީ އަދި އަސްކަރީ، މި ދެ ބޭނުން ހިފޭތަކެތިން މި 18 ކުންފުނި މަހުރޫމްކޮށް އެތަކެތި އެ ކުންފުނިތަކަށް ލިބޭނެ ދޮރުތައް ބަންދުކުރުމެވެ.
މީގެއިތުރުން އެމެރިކާގެ އިތުރު 12 ކުންފުންޏަކަށް ޗައިނާގެ ހައިޓެކް އުފެއްދުންތައް ނުވިއްކުމަށާއި އެ ތަކެތި އެ ކުންފުނިތަކަށް ލިބޭނެ ދޮރުތައް ބަންދުކުރުމަށް އޭގެ ކުރިން ޗައިނާ ވަނީ ނިންމާފައެވެ.
ޗައިނާގެ ރަސްމީ މީޑިއާ އިންވަނީ އެމެރިކާއިން ޗައިނާގެ މުދަލަށް ނަގާ ޑިއުޓީ ދެން އިތުރަށް ބޮޑުކޮށްފިނަމަ އެމެރިކާއިން ގަންނަ މުދަލުގެ ނިސްބަތް ބޮޑުތަނުން ދަށްކުރާނެކަމުގެ އިންޒާރު ވެސް އެމެރިކާއަށް ދީފައެވެ.
ޗައިނާ، އެމެރިކާއިން އެތެރެކުރަނީ މަދު އަދަދެއްގެ މުދަލެވެ. އަހަރަކު ގާތްގަނޑަކަށް 143 ވަރަކަށް ބިލިޔަން ޑޮލަރުގެ މުދަލެވެ. އޭގެތެރޭގައި ހިމެނެނީ ސޯޔާ ބީންސް ފަދަ އޮއިލް ސީޑްސްއާއި ބައެއް ތަރުކާރީއާއި މޭވާ އެވެ. ދެން ތެލާއި ގޭހެވެ. ތެލާއި ގޭހަކީ ޗައިނާ ބޭނުންވެއްޖެ ހާލަތެއްގައި އީރާނާއި ރަޝިއާއިން މިހާރަށްވުރެ މާގިނައިން ލިބޭނެ ތަކެއްޗެވެ. ތަރުކާރީއާއި މޭވާ ޗައިނާގެ އަވަށްޓެރި ގައުމުތަކުން ވެސް ލިބޭނެ ތަކެއްޗެވެ.
ޗައިނާއަކީ އެމެރިކާއަށް ވުރެ މާ ގިނަ ތަކެތި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ސިނާއީ ގައުމަށް ވާތީ ޗައިނާގެ މުދާ ނުގަނެވާނެ އެއްވެސް ގޮތެއް އެމެރިކާއަކަށް ނެތެވެ. އެމެރިކާ މިހާރު ވެސް އަހަރަކު 560 ވަރަކަށް ބިލިޔަން ޑޮލަރުގެ މުދާ ޗައިނާއިން އެތެރެކުރެއެވެ. މިތަކެތި މާބޮޑަށް މަދުކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫނެވެ. އެއީ އެ ނޫން ގައުމަކުން އެމެރިކާގެ ބިޔަ ބާޒާރަށް ބޭނުންވާ މިންވަރަށް ތަކެތި ނުލިބޭނެތީއެވެ.