މިދިޔަ އަންގާރަ ދުވަހު ހިނގައިދިޔަ ހާދިސާއެއްގައި ހދ. މަކުނުދޫން ފިހުނު އަށް މަހުގެ ތުއްތު ކުއްޖަކަށް އާސަންދަ ހަމަނުޖައްސައިދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
"ސަން"އާ މައުލޫމާތު ހިއްސާކުރަމުން ކުއްޖާގެ ބައްޕަ ވަނީ ހާދިސާ ހިނގައިދިޔަ ގޮތް ހިއްސާކޮށްފައެވެ.
އެ ދުވަހުގެ ފަތިހުގެ ވަގުތުގައި އެ ކުއްޖާގެ މަންމަ ހުރީ ބަދިގޭގައި ކައްކާށެވެ. އެ ވަގުތު ބަދިގޭގައި ކައްކަން އުދާފައި ހުރި ސައިކުރާ ކައިރީ އޮތް ފޮތިގަނޑަށް، ދުވާ ކޮށްޓެއްގައި އައި ތުއްތު ކުއްޖާ ދަމާލުމާ އެކު ކުރާގައި ހުރި ހޫނު ސައި ވަނީ ކުއްޖާގެ ގަޔަށް އެޅިފައެވެ.
ވަގުތުން ކުއްޖާގެ ގަޔަށް ފެން އެޅުމަށް ފަހު، 10 ވަރަކަށް މިނެޓު ތެރޭ ރަށު ސިއްޙީ މަރުކަޒަށް ކުއްޖާ ގެންދިޔަ ކަމަށްވެއެވެ. ނަމަވެސް، އެއީ ފަތިހުގެ ވަގުތު ކަމުން ޑޮކްޓަރެއް ނެތް ކަމަށާއި އެ ވަގުތު ކުއްޖާއަށް ފަރުވާ ދިނީ ޑިއުޓީގައި ހުރި ނަރުހެއް ކަމަށް ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.
ނަރުސް ކުއްޖާ އެ ތުއްތު ކުއްޖާގެ ގައިގައި ބެންޑޭޖު އަޅައި، ހެނދުނު 08:00ގައި ޑޮކްޓަރު އައުމުން އަންނަން ބުނެ، ފޮނުވައިލި ކަމަށްވެއެވެ. ޑޮކްޓަރަށް ގުޅައިދޭން އެދުމުން ގުޅަނީ ކަމަށް ބުނި ނަމަވެސް ސީދާ ގުޅިކަމެއް އޭރު ވެސް އާއިލާއަކަށް ނޭނގެއެވެ. އެހެންވެ، އެނބުރި އެ މީހުން ސިއްޙީ މަރުކަޒަށް އައީ ޑޮކްޓަރު އަންނަ ގަޑިއަށެވެ.
އެއީ، އެ ރަށު ސިއްޙީ މަރުކަޒުގައި ހުރި އާއްމު ބަލިތަކަށް ޚާއްސަ ނައިޖީރިއާ ޑޮކްޓަރެކެވެ. ނަމަވެސް، ޑޮކްޓަރު އައުމަށް ފަހު ކުއްޖާގެ ގައިގައި އަޅާފަހުރި މަލަންގަނޑު ނައްޓައި މާ ބޮޑަކަށް އެތަން ނުބަލާ ކަމަށާއި، 24 ގަޑިއިރު ފަހުން އަންނަން ބުނެ ފޮނުވާލި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތި: ފިހުނު ތުއްތު ކުއްޖާއަށް އައިޖީއެމްއެޗުން މިހާރު ދަނީ ފަރުވާދެމުން -- ފޮޓޯ/ މާނިއު މުހައްމަދު
އެ ރޭ ކުއްޖާގެ މޫނުމަތިން މާ ބޮޑަށް ދާހިއްލުމުގެ އަސަރު ހުރުމުން ބެންޑޭޖުގަނޑު ނައްޓައި ބެލިއިރު ވަރަށް ބޮޑަށް ފޮޅުތައް ނަގައި، އަނދާފައި ހުރިތަން ފެނުމުން އަނެއްކާ ވެސް ސިއްޙީ މަރުކަޒަށް ދިޔަ ކަމަށާއި، ދެން ބަލާފައި "ތިހާ ބޮޑުވަރު ވެދާނެ ކަމަކަށް ހިޔެއް ނުކުރަން" ކަމަށް އެ ޑޮކްޓަރު ބުނި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް ޑޮކްޓަރު ބުނި ކަމަށްވެއެވެ.
ނަމަވެސް، އާރްޓީއެލް ފެރީ އެ ގަޑީގައި ނޯންނާނެތީ އާސަންދަ ހަމަޖައްސަން އެދުމުން ވެސް ޑޮކްޓަރު ބުނީ އޭގެ އަނެއް ދުވަހު އާރްޓީއެލް ފެރީ އޮންނަ ގަޑީ ދިޔަސް ރަނގަޅުވާނެ ކަމަށް ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. ސީ އެމްބިއުލާންސްގައި ގެންދަން ވެސް އެދުނު ކަމަށާއި ނަމަވެސް އެހާ ވަރަށް އެމަޖެންސީ ނޫން ކަމަށް ޑޮކްޓަރު ބުނިކަމަށް ވެއެވެ.
ނަމަވެސް، އަވަސް ފަރުވާ ބޭނުންވާތީއާއި ކުއްޖާގެ ހާލަތަށް ބަލައި ދެން ކުއްޖާގެ ބައްޕަ ވަނީ އޭނާ މަސައްކަތް ކުރާ ސޮނެވާ ސީކްރެޓްގެ އެއާޓެކްސީއެއްގައި ކުއްޖާ ގޮވައިގެން މާލެ އައިސްފައެވެ.
މާލެ އައިސް، އައިޖީއެމްއެޗްގައި ކުއްޖާ ބެލި ޑޮކްޓަރު ގާތު ސުވާލުކުރުމުން، އެ ޑޮކްޓަރު ވެސް ބުނީ އެއީ އަވަސް ފަރުވާ ބޭނުންވާ ހާލަތެއް ކަމަށާއި، އާސަންދަ ވެސް ހަމަޖެއްސޭނެ ކަމެއް ކަމަށް ޑޮކްޓަރާ ހަވާލާދީ ކުއްޖާގެ ބައްޕަ ބުންޏެވެ.
މިހާރު ކުއްޖާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި ކުއްޖާ ވޯޑަށް ވެސް ބަދަލުކޮށްފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަށް މަހުގެ ކުއްޖަކަށް ފިހިގެން ފަރުވާދެމުންދާ ކަމަށާއި، ކުއްޖާ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން މަކުނުދޫ ހެލްތު ސެންޓަރުގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނެތެވެ.