Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

ދުންފަތުގެ ވިޔަފާރިކުރާނަމަ 3 މަސް ތެރޭ ލައިސެންސް ނަގަން އަންގައިފި

ފިހާރައެއްގައި ސިނގިރޭޓް ވިއްކުމަށް ބަހައްޓާފައި: -- ސަން ފައިލް ފޮޓޯ

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ކަމަށް ދޫކުރާ ޚާއްސަ ލައިސެންސް ނަގަން ހެލްތް މިނިސްޓްރީން އަންގައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާންމު ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކުން އެ ކަމަށް ޚާއްސަ ލައިސެންސް ހޯދަން ވަނީ ލާޒިމުކޮށްފައެވެ.

ހެލެތް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައިވަނީ ދުންފަތުގެ ވިޔަފާރި ކުރުމަށް ޓަކައި ހޯދަންޖެހޭ ލައިސެންސްތައް ހޯދުމާއި، ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް ދޫކުރަނީ ހަތަރު ލައިސެންސެކެވެ. އެއީ:

  • ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސެންސް
  • ދުންފަތުގެ ބާވަތްތައް އިމްޕޯޓު ކުރުމުގެ ލައިސެންސް
  • ދުންފަތުގެ އައު ބާވަތެއް ރެޖިސްޓްރީ ކުރުން
  • ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓު ކުރުމުގެ ލައިސެންސް

މިއިން ކޮންމެ ލައިސެންސެއް ނެގުމަށް ވެސް ފީއެއް ދައްކަންޖެހޭނެއެވެ.

ހެލެތް މިނިސްޓްރީން ބުނީ، މި ލައިސެންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ލައިސެންސް އައު ކުރާނަމަ މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެދި ހުށަހަޅަން ޖެހޭނެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ދޫކުރާ ލައިސެންސްތަކަށް ކަނޑައެޅިފައިވާ ފީތައް

  • ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ގަނޑުކޮށް ނުވަތަ ވަކިވަކީން ވިއްކުމަށް ދޫކުރާ ލައިސެންސް ހޯދުމަށް ނުވަތަ އައުކުރުމަށް - 5،000 ރުފިޔާ
  • ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓު ކުރާ ފަރާތްތަކަށް ދޭ ލައިސެންސް ހޯދުމަށް ނުވަތަ އައުކުރުމަށް - 10،000 ރުފިޔާ
  • ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރާ ފަރާތްތަކަށް ދޭ ލައިސެންސް ހޯދުމަށް ނުވަތަ އައުކުރުމަށް - 10،000
  • ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ލައިސެންސް ހޯދުމަށް ނުވަތަ އައުކުރުމަށް - 10،000

ހެލްތް މިނިސްޓްރީން ބުނީ، މި ލައިސެންސްތައް ހޯދުމަށް އެދި ހުށަހަޅަންޖެހޭނީ ވަންގަވް ޕޯޓަލް މެދވުވެރިކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް ކަމަށެވެ. މިހާރު އެ ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކުން މިއަދުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ލައިސެންސް ނަގަން ވަނީ އަންގައިފައެވެ.

ވަންގަވް މެދެވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ހޮޓްލައިން ނަންބަރު 1500 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ޓަކައި، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފައެވެ.

އަދި 2007އިން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރެޓު މަނާކުރުމަށް ޓަކައި 'ޖެނެރޭޝަނަލް ބޭން'އެއް ތަންފީޒު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް