އެމެރިކާއަށް ގައުމުތަކުން އިމްޕޯޓް ކުރާ މުދަލުން އެ ގައުމުގެ ސަރުކާރުން ނަގާ އިމްޕޯޓް ޑިއުޓީ, ނުވަތަ ޓެރިޕް ރޭޓަށް ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ ކަމަށް, އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިގްތިސާދީ އާ ސިޔާސަތުގެ ދަށުން ޓެރިފް ރޭޓްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެއާއެކު އިގްތިސާދީ ހަނގުރާމައެއް ވަނީ ފެށިފައެވެ. އެމެރިކާއިން ޗައިނާގެ އުފެއްދުންތަކަށް ނަގާ ޓެރިފް 145 އިންސައްތައަށް ބޮޑުކޮށްފައިވާއިރު، ޗައިނާއިން އެމެރިކާގެ އުފެއްދުންތަކަށް 125 އިންސައްތައިގެ ޓެރިފެއް ވަނީ ކަނޑައަޅާފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ރާއްޖޭގެ މުދަލަށް ނަގާ ޓެރިފް ރޭޓާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން, މިނިސްޓަރު ސައީދު ވިދާޅުވީ، ޓެރިފް ރޭޓު ބޮޑުކުރުމުން ސީދާ ގެއްލުމެއް ރާއްޖެއަށް ވަމުން އަންނަކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ މުދަލަށް ނަގާ ޓެރިފް ރޭޓް ކަމަށްވާ, 10 ޕަސެންޓަކީ އެންމެ ކުޑަކޮށް ނަގާ މިންވަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން އެމެރިކާއަށް އެކްސްޕޯޓު ކުރަނީ މަހާއި މަހުގެ ބާވަތްތައް ކަމަށާއި ވާދަވެރިންގެ ރޭޓު ރާއްޖެއަށް ލިބިފައިވާ ރޭޓަށްވުރެ ބޮޑު ކަމަށެވެެ.
ރާއްޖޭން ކުރަން ޖެހިފައިވާ ކަމަކީ މަސް އެކްސްޕޯޓް ކުރާނެ އިތުރު މާކެޓްތައް ހޯދުން ކަމަށާއި ރާއްޖެއަށް ނަފާ ހޯދެން އޮތީ އޭރުން ކަމަށް, މިނިސްޓަރު ވިދާޅުވިއެވެ. ޗައިނާގެ, ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް ވަންނަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށާއި ތުރުކީއާއެކު, ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) ވެސް އެކުލަވާލެވުނީ މި ސަބަބައްޓަކާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"އެހެންނަމަވެސް ދުނިޔޭގަ އެންމެ ބޮޑެތި އިކޮނަމީތަކުން ނިންމާ ކަންތައްތަކުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް އައިސްދާނެ ކުރާނެ އަސަރުތައް ހުންނާނެ. އެކަން އެ ދަނީ އެކަމާ ބެހޭ މާހިރުން, އިކޮނޮމިސްޓުން އަދި ފައިނޭންޝިއަލް އެކްސްޕާޓުންނާ، ބޮޑެތި ކުންފުނިތަކުގެ ވެރީން ކެނޑިނޭޅި ދައްކަމުން," އިޤްތިސާދީ ވަޒިރު މުޙައްމަދު ސައީދު
ރާއްޖޭގައި އުފައްދާ މުދަލުގެ ތެރެއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވާފައި ވަނީ މި އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގައެވެ.
އެމެރިކާ ސަރުކާރުން އާންމުކުރި އާ ޓެރިފް ލިސްޓުގައި ނުހިމެނޭ އެއްވެސް ގައުމަކުން، އެމެރިކާއަށް އަންނަ އެއްވެސް އުފެއްދުމަކުން ބޭސްލައިން 10 ޕަސެންޓު ޓެރިފެއް ނަގާނެ ކަމަށް ވަނީ ބުނެފައެވެ.
ނިސްބަތުން ރާއްޖެއަށް މި ނަގަނީ ކުޑަ ޓެރިފް ރޭޓެކެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކުން އެތެރެ ކުރާ މުދަލަށް މާ ބޮޑު ރޭޓެއްގައި ޓެރިޕް ނަގަން އެމެރިކާއިން ވަނީ ނިންމައިފައެވެ.