އުފަލާއި ހިތްހަމަޖެހުމަކީ ކޮންމެ މީހަކުވެސް އުންމީދު ކުރާކަމެކެވެ. އުފާވެރި އަމާން ބާއްޖަވެރި ޙަޔާތަކީ ހާސް ނިޢުމަތެވެ. ސްމައިލްޝިހާބް ޕޮޑްކާސްޓު ލިޔުމުން މި ގެނެސްދެނީ ހެޕިނަސްކްލަބުގެ ފަރާތުންނެވެ. ކޮންމެ ހޮނިހިރު ދުވަހަކު އައު ޕޮޑްކާސްޓެއް އަޑު އަހާލެވޭގޮތަށް ''ސަން''ނޫހުން ގެނެސްދެއެވެ.
ސްމައިލް ޝިހާބް ޕޮޑްކާސްޓްގެ 14ވަނަ އެޕިސޯޑް "އުފާ" ސަން ޕޮޑްކާސްޓިން ގެނެސްދީފައިވަނީ 2025 ޖެނުއަރީ 4 ވަނަ ދުވަހެވެ. މި އެޕިސޯޑުގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ހުނަރުވެރި ޒުވާނެކެވެ. ހއ. ކެލަޔަށް އުފަން ޢުމުރުން 19 އަހަރުގެ ޢަބްދުއްﷲ ޝަފްވާން ޝަހީމެވެ.
ޝައްފާން ކިޔައިދިން ގޮތުގައި އޭނާއަކީ ގިނަ ކަންކަން ވަރަށް ދަސްކޮށް އާ ތަޖުރިބާތައް ލިބިގަންނަން ބޭނުންވާ ޒުވާނެކެވެ. ޝައްފާނަށް މަޑުން ނުހުރެވޭ ކަމަށާއި އަބަދުވެސް ކޮންމެވެސް ކަމެއް ކޮށްލަން ބޭނުންވާ ކަމަށެވެ. ޝައްފާނާއި ސްމައިލް ޝިހާބް ބައްދަލުވީވެސް އެފަދަ ތަޖުރިބާ ޙިއްސާ ކުރުމުގެ ތެރެއިން ''ވިލިޖޯލިން''ކަން ޝައްފާން ފާހަގަ ކުރިއެވެ.
ސެޝަނެއް ނެގުމަށްޓަކައި ޝައްފާނާއި ޝިޙާބް މާފުށްޓަށް ކުރި ދަތުރުގެ ތަޖުރިބާތަކުގެ ތެރެއިން ޝައްފާންގެ އުފަން ރަށް ހއ. ކެލާގެ މޫދަށް އެރުމުގެ ތެރެއިން ޙިއްސާ ކުރި ވާހަކައެއް ޕޮޑްކާސްޓުގެ އެހުންތެރިންނާ ޙިއްސާ ކޮއްލުމަށް ޝިހާބް ސަރ އެދިވަޑައިގެންނެވިއެވެ. އެވާހަކަ ޙިއްސާކުރަމުން ޝައްފާނު ކިޔަދިނީ ކެލާގެ ހިތްގައިމު ރީތި މޫދާއި ބޮޑު ފަރުގެ ޤުދުރަތީ ވެށީގައި ކުޑައިރު ކާފައާއި ޢާއިލާގެ ބައެއް ފަރާތްތަކާ އެކު ކޮށްފައިވާ ތަޖުރިބާތަކުގެ ވާހަކައެވެ.
އެގޮތުން ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހާ ދިމާވާގޮތަށް ފަރު ހިކޭ ކަމަށާއި ފަރަށް އެރި އުޅޭ ކަމަށެވެ. ކަނާތު ސަންގާއި ވާތު ސަންގުގެ ތަފާތު ކާފަގެ ފަރާތުން ދަސްވީ ވެސް މިކަމުގެ ތެރެއިންކަން ޝައްފާން ކިޔައިދިނެވެ. އަދި ގޮޅާ، ސަންގު، ރާކަނި، ސަނދަރަބޮލި ހަންދަ ފަދަ ތަކެތި ނަގައި ފިހެގެން އޭގެ މަސް ކައި ހަދާ ކަމަށް ޝައްފާން ކިޔައިދިނެވެ. ކެލާގެ ފަރު ބޮޑު ކަމުން ހަވީރު ފަރަށް އެރެން ފަށާ ގޮތަށް ފަރުގެ މެދާހަމަޔަށް ދެވޭނީ ރޭގަނޑު އަށެއް ޖަހާކަންހާއިރަށް ކަމަށް ޝާއްފާން ފާހަގަ ކުރިއެވެ. ސަންގު ފުމެން ވެސް އެކަމުގެ ތަޖުރިބާކާރެއްގެ ގާތުން ދަސްކުރި ގޮތް ކިޔައި ދިނެވެ.
ކާފަޔާއެކު ކުރެވުނު ގިނަގުނަ އުފާވެރި ތަޖުރިބާތައް ޙިއްސާކުރަމުން ޝައްފާން ފާހަގަކުރީ އޭނާގެ ކާފަޔަކީ ޢުމުރު މައްޗަށް ދިޔައިރު ވެސް ފިޓް މީހެއް ކަމަށެވެ. ވަލަށްގޮސް ރުކަށް އަރައި، ކުރުނބާ އެޅުމާއި ފަންގި ވިނުމާއި އެހެނިހެން ވެސް ހަރަކާތްތެރި މަސައްކަތްތައްކޮށް އުޅޭ ހީވާގި ހުނަރުވެރިއެއް ކަމުގައި ޝައްފާނު ފާހަގަ ކުރިއެވެ. ކާފަޔާއެކު ރުކަށް އެރުމުގެ ތެރެއިން ކުރުނބާ އިހަލެއް ބޭލި ހާދިސާ އުފާވެރި ތަޖުރިބާއެއްގެ ގޮތުގައި ކިޔައި ދިނެވެ. އޭގެ އިތުރުން ކާފަޔާއެކު ދާ އަޅަންދިޔަ ދުވަސްތަކާއި އެކަންކަމުން ދަސްކުރި ފިލާވަޅުތައް ކިޔައިދިނެވެ.
ރަށުގައި އުޅުނު ދުވަސް ވަރުގެ ހަނދާންތައް ޙިއްސާކުރަމުން ޝައްފާން ކިޔައިދިނީ އޭނަގެ އުފާވެރި ސަކަ މިޒާޖުގެ އަސްލަކީ މަންމަ ދިން ފުރުޞަތުތައް ކަމަށެވެ. އެގޮތުން މަންމަ އަބަދުވެސް ކަންކަން ކުރަން ފުރުޞަތުދޭ ކަމަށާއި "ގޯސްކަމެއްނުކޮށް ކުޅެފައި އަންނާށޭ" ބުނާކަން ޝައްފާން ފާހަގަ ކުރިއެެވެ. އެގޮތުން ތަފާތު ކުޅިވަރުތަކާއި ހުނަރުތައް ތަޖުރިބާ ކުރިއެވެ. އެއްފުރާ ކުދިންނާއެކު ފަތިސް ނަމާދުން ފައިބައިގެން "ކައްލި" ކުޅޭ ކަމަށާއި އެއީވެސް މަޖާ އަދި ގިނަ ކަންތައްތަކެއް ދަސްވާ ކުޅިވަރެއްކަން ފާހަގަކުރިއެވެ. ކުރެދި ދަނޑިން އާލާތް ތައްޔާރު ކުރާ ގޮތާއި މި ކުޅިވަރު ކުޅޭ ގޮތް ޕޮޑްކާސްޓުގެ އެހުންތެރިންނަށް ތަފުޞީލް ކޮއްދިނެވެ.
ޝައްފާނަކީ ކުޑައިރުންފެށިގެން ބެރުޖެހުމަށް ޝަޢުޤުވެރިވި ކުއްޖެއްކަމަށާއި އެންމެ ފުރަތަމަ ބެރު ޖަހަން ދަސްކުރީ ގުރޭޑް ފަހެއްގައި އުޅެމުން ރައްޓެހިންނާއެކު ކޯސްޓު ދަޅުގައި ތަޅައިގެންކަން ފާހަގަކުރިއެވެ. އެހެން އުޅުމުގެ ތެރެއިން މުޙްޔިއްދީންގައި ކިޔެވި ދުވަސްވަރު ސްކޫލުން ލިބުނު ފުރުޞަތެއްގެ ތެރެއިން ބެރުޖެހުމުގެ ފުރުޞަތު ފަހިވިކަން އޭނާ ފާހަގަކުރިއެވެ. ޝައްފާނަކީ ބެރުވެސް ޖެހޭ އަދި ލަވަ ވެސް ކިޔޭ ފަންނާނެއްކަން އޭނާގެ ވާހަކަތަކުން ދޭހަވިއެވެ. ބެރުގެ ތަފާތު ހަމަތަކާ އުކުޅުތައް އަދި ބޮޑުބެރު ލަވަތައް އޭނާއަށް އެންމެ ރަނގަޅަށް ދަސްވީ އޭލަވެލްގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އުޅުނު ދުވަސްވަރުކަން އޭނާ ފާހަގަކުރިއެވެ. އޭރު އަޙްމަދިއްޔާއަށް ބޮޑުބެރު ދަސްކޮށްދޭން އައި އެމްއެންޔޫގެ ދަރިވަރުގެ ފަރާތުން ލަވަކިޔާ ބެރު ހަމަކޮށް ނަށަންވެސް ދަސްވިއެވެ. އޭރު ސްކޫލުން ނިމިގެން ބެރުޖެހުމަށް ޚާއްސަވާންވެސް ވިސްނިކަން ފާހަގަކުރިއެވެ.
ޝައްފާން "ބިދަބިން" ބޮޑުބެރު ގުރޫޕްގައި ޙަރަކާތްތެރިވާން ފެށި ގޮތް ޙިއްސާކުރަމުން ވިދާޅުވީ އޭނާއަކީ ބެރު ޖަހަން ވަރަށް ފޯރި ހުންނަ ފަރާތެއްކަމަށެވެ. ގްރޭޑް ފަހެއްގައި ބެރު ޖަހަން އުޅުނު ރަޙްމަތްތެރިޔާގެ ފަރާތުން ބެރު ގުރޫޕަކާއި ތަޢާރަފުވެ ރަނގަޅަށް ބެރުގެ ތެރެއަށް ވަދެވުނުކަމުގައި އޭނާ ކިޔައިދިނެވެ. އެގޮތުން ފުރަތަމަ ކޮޅު މަންމައަށް ވެސް ނާންގާ އެކަނި ވިލިމާލެއިން މާލެ އައިސް ބޮޑުބެރުގެ ހުނަރުތައް ބިދަބިންގެ ސްޓޫޑިއޯގައި ފަރިތަ ކުރިކަމަށެވެ. މި މަސައްކަތުގެ ތެރެއިން ސަޤާފީ ފުނަތައް ބިދަބިންގެ މި ބެރު ގުރޫފުން ދަސްވެ ޝޯތަކަށް އެރޭވަރުވިކަން އޭނާ އުފަލާއެކު ފާހަގަކުރިއެވެ.
ޝައްފާނަކީ ބާސްކެޓްބޯޅަ އާއި ކުރިކެޓްގެ ހުނަރުވެސް ދަސްކުރަން ބޭނުންވި ޒުވާނެއްކަމަށާއި ކައްލި ކުޅުމުގެ ސަބަބުން ކުރިކެޓް ކުޅެން ދަސްކުރަން ފަސޭހަވެގެން ދިޔަކަން ޝައްފާން ފާހަގަކުރިއެވެ. ކިޔަވަން މާލެ ބަދަލުވެ ސްކޫލުން ލިބުނު ފުރުޞަތެއްގައި ކުރިކެޓް ޓްރައިލަކަށް ދިޔަ ކަމަށާއި ފުރަތަމަ ދިޔައީ ވާގޮތްބަލާލަން ކަމަށް އޭނާ ފާހަގަކުރިއެވެ. ކުރިކެޓް ކުޅެން އެނގޭތީ ނޫންކަމަށާއި [ކުރިކެޓަށް އޭރު ޝަޢުޤުވެރިކަން އޮވެގެން ނޫންކަންވެސް ޝައްފާން ފާހަގަ ކުރިއެވެ. އެހެންނަމަވެސް ފުރަތަމަ ދުވަހުން ސެލެކްޓްވި ކަމަށެވެ.
ޝައްފާން ކިޔައިދިންގޮތުގައި އޭރު ކުރިކެޓްގެ ޤަވާއިދު ނޭނގުނު ކަމުގައި ވިޔަސް ބެޓް ކުރުމުގައި ޝައްފާންގެ ހުނަރު މޮޅެވެ. ބޯޅަ ގިނަ ފަހަރަށް ހަޔެކަށް ޖަހާލެވެއެވެ. އެހެންކަމުން 2012 ވަނަ އަހަރު އިންޓަ ސްކޫލް ސޮފްޓުބޯލް ކުރިކެޓް ޓޯނަމެންޓުގައި ސްކޫލް ޓީމުގައި އޭނަވެސް ކުރިކެޓް ކުޅުނެވެ. އެއަށްފަހު ސްކޫލުން އަސްލު ހާޑްބޯލް ކުރިކެޓު ކުޅެން ދަސްކުރާ ކުރިކެޓް ޕޫލެއް ނަގައި ދަސްކޮށްދޭން ފެށިއެވެ. ސްކޫލް ގަޑި ނިމުމަށްފަހު ފަރިތަކުރުން އޮންނަނީ ހޫނުގަދަ ގަޑީގައި މެންދުރުފަހު 2:00 އިން 4:00 އަށެވެ.
ގަޑީގެ ގޮތުން ފުރަތަމަކޮޅު ކުދިން ރުޅި އައި ކަމުގައިވިޔަސް ފަހުން އެއީ ހަމަ ބުންވަރަށް އެންމެ ރަނގަޅު ގަޑިކަން ގަބޫލްކުރެވުނެވެ. ކުރިކެޓްގައި ޝައްފާން މީހަކަށް ހަދައިދިނީ ކޯޗް އާމިރު ސަރކަން އޭނާ ފާހަގަކުރަނީ ޝުކުރުވެރިކަމާ އެކުގައެވެ.
މި ފުރުޞަތުގެ ތެރެއިން ޝައްފާނަށް ޢުމުރުން 12 އަހަރުގައި ޤައުމީ ކުރިކެޓް ޓީމުގައި ކުޅުމުގެ ފުރުޞަތު ލިބުނެވެ. އެގޮތުން 14 އަހަރުން ދަށުގެ ޤައުމީ ކުރިކެޓް ޓީމުގައި ސްރީލަންކާގައި ދެ ބުރަށް ގޮސް ކުޅެ، 2016 ވަނަ އަހަރު އޮމާނުގައި ޤައުމީ ޓީމު ކުޅުނު މެޗުގައި އޭނާ ކުޅެ ކުރިކެޓްގެ މޮޅު ހުނަރު ދައްކާފައިވެއެވެ. އެއީ އިންޓަނޭޝަނަލް ކުރިކެޓް ކޮލިފިކޭޝަން (އައި ސީ ސީ) ޙާޞިލް ކުރުމަށްޓަކައި ކުޅުނު މެޗުތަކެއްކަން އޭނާ ފާހަގަ ކުރިއެވެ. ޝައްފާނަކީ ޢުމުރުން 12 އަހަރުގައި 19 އަހަރުން ދަށުގެ ޤައުމީ ކުރިކެޓް ޓީމަށް ކުޅެން ފެށި މޮޅު ކުޅުންތެރިއެއްކަން އޭނާގެ ވާހަކަ ތަކުން ހާމަވެއެވެ. މިއީ އޭނާ ގުރޭޑް ހަޔެކަށް ދިޔަ އަހަރު ޢާމިރު ސަރ ސްކޫލުން ނެގި ކުދިންގެ ތެރޭގައި ހިމެނިގެން އާދެވުނު ހިސާބުކަން ޝައްފާން ފާހަގަ ކުރެއެވެ. މިކަމުގައި ހުރިހާ ޝުކުރެއް އޭނާ ރައްދު ކުރަނީ ޢާމިރު ސަރ އަށެވެ.
ޝައްފާން ފާހަގަ ކުރާ ގޮތުގައި ކުރިކެޓްގައި އެންމެ ބޮޑު ކާމިޔާބީއެއް ޙާޞިލް ކުރެވުނީ 2017 ވަނަ އަހަރެވެ. އެއީ 16 އަހަރުން ދަށުގެ ޤައުމީ ޓީމުގައި އެންމެ ގިނަ ސްކޯ ކުރެވުނު ކުޅުންތެރިޔާގެ މަގާމް ލިބުންކަން އުފަލާއެކު އޭނާ ފާހަގަ ކުރެއެވެ. އަދި ހަމަ އެހެންމެ ސެންޗަރީ އެއްވެސް ހެދުނުކަން ޝައްފާން ފާހަގަ ކުރިއެވެ. ހަމަ އެ އަހަރު 14 އަހަރުން ދަށުގެ ޓީމުގައި ކުޅެ 27 ބޯޅަ އަށް 7 ރަން ނަގައިގެން ރެކޯޑެއް ހެދިއެވެ. އެއީ ހަގު ޢުމުރުގައި އޭނާގެ ޢުމުރަށް ވުރެ ދޮށީ ޢުމުރުގެ ޓީމަކަށް ކުޅެގެން ހާސިލް ކުރެވުނު ބޮޑު ކާމިޔާބީ އެކެވެ.
ޝައްފާންގެ ކިޔެވުމުގެ ވާހަކަތައް ތަފުޞީލްކޮށްދެމުން ވިދާޅުވީ އޭނާ އަކީ ކިޔަވަން ވެސް މަސައްކަތް ކުރާ ކުއްޖެއްކަމަށެވެ. އެންމެ ކިޔަވާ ހިތް ނުވަނީ ހިސާބާއި ފިޒިކްސް ކަމަށާއި އެހެން ނަމަވެސް ޖީސީއީ އޯލަވެލް ނިމުނުއިރު އެންމެ މަތިން ސްކޯ ކުރެވުނީ އެ ދެ މާއްދާއިން ކަމުގައެވެ. ޝައްފާން ކުޅިވަރަށް ފޯރި ހުރި ކަމުގައި ވިޔަސް ކިޔަވަންވެސް މަސައްކަތް ކުރި ކަމަށެވެ. ކިޔެވުމުގެ އިތުރުން ނަފްސާނީ ހަމަޖެހުންވެސް ބޭނުންވާކަން އޭނާ ހާމަ ކުރިއެވެ. ޝައްފާން ދެކޭ ގޮތުގައި ސީދާ ހަމަ އެކަނި ކިޔެވުމަށް ސަމާލުކަން ބެހެއްޓުމަކުން އަދި ނުކިޔެވޭނެއެވެ. ޝަޢުޤުވެރިވާ އަދި ކުރާ ހިތްވާ އެހެނިހެން ކަންކަން ވެސް ކޮށްލަމުން ކިޔަވަން އުޅުމުން އެކަން ވެސް މާ ކާމިޔާބުކަމާއި އެކު ކުރެވޭކަން ޝައްފާނަށް ޤަބޫލް ކުރެވޭކަމަށެވެ. ޝަައްފާން ސިކުނޑި ހަމަ ޖައްސަނީ ކުޅިވަރު ކުޅެގެންނާއި ރަޙްމަތްތެރިންނާއެކު ހޭދަކުރާ ވަގުތުގެ ތެރެއިންކަން އޭނާ ފާހަގަ ކުރެއެވެ.
ޝައްފާންވެސް ހޯމް ވާރކް ނުހަދާ ދުވަސްކޮޅެއް ދިޔަ ކަމަށާއި މަންމަ އަބަދުމެ ހަނދާންވެސް ކޮއްދޭކަން ޝައްފާން ފާހަގަ ކުރެއެވެ. ފަހުން ކިޔެވުމާއި ކުޅިވަރު ބެލެންސް ކޮށްގެން އުޅެން ދަސްވިކަން އޭނަ ފާގަހަކުރިއެވެ. އޭގެ ފަހުން ކިޔެވުމަށް ބުރޫ ނާރާކަން ފާހަގަ ކުރިއެވެ.
ޝައްފާން މަންމައާއެކު އޮންނަ ގުޅުމުގެ ވާހަކަ ހިއްސާ ކުރަމުން ބުނީ، އޭނާގެ މަންމަ އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. ދެރަކަމެއް ވެއްޖެ ނަމަ ވަރަށް ދެރަވާނެއެވެ. ޝައްފާންގެ ލިޔުން ރީތި ކުރުމަށްޓަައިވެސް މަންމަ މަސައްކަތްތަކެއް ކޮށްދިންކަން ޝައްފާން ފާހަގަ ކުރިއެވެ. މަންމަ ރުޅި އައިއްސިއްޔާ ވަރަށް ބިރުގަންނަކަމަށާއި ބަސްނޭހުމުން ސުތުލި ގޯންޏެއްލެއްވިކަން މަޖަލާއެކު ފާހަގަ ކުރިއެވެ.
ޝައްފާންގެ މަންމަ އަކީ ދަރިން ޑިސިޕްލިން ކުރުވުމަށްޓަކައި މޮޅެތި އުކުޅު ގެންގުޅޭ ފަރާތެއްކަން ފާހަގަ ކުރިއެވެ. ކޮއްކޮ އާއި ޝައްފާނުގެ ފަރާތުން ހެދޭ ގޯސްތަކަށް އެކި ވަރުގެ "ރޯޅި" އަންނަކަމަށާއި އެފަދަ ރޯޅިއަކުން ސަލާމަތްވާން ޝައްފާންމެންވެސް މޮޅެތި އުކުޅު ގެންގުޅޭކަމަށެވެ. އެގޮތުން އެއް ދުވަހަކު އެފަދަ ރޯޅިއަކުން ސަލާމަތްވާންވެގެން މަންމަ ރުޅި އައިސްގެން އެއްޗެއް ބުނުމުގެ ކުރިން އަވަހަށް މުސައްލަ ނަގައި ނަމާދު ކުރަން ފެށި ކަމާއި އެގޮތަށް ވިއްސަކަށް ރަކުއަތް އެ ދުވަހު ކުރެވިފައިވާނެކަން ޝައްފާންގެ ސަކަ މިޒާޖުގައި ކިޔައިދިނެވެ. ޝައްފާންގެ ވާހަކަތަކުން އެނގުނު ގޮތުގައި ޝައްފާންގެ މަންމަ އަކީ ހަރުދަނާ ބެލެނިވެރިކަން ގެންގުޅޭ މަންމަ އެކެވެ.
މުޙްޔިއްދީން ސްކޫލުގެ ތަޖުރިބާގެ އުފާވެރިކަން ހާމަ ކޮށްދެމުން ޝައްފާން ފާހަގަކުރީ ސްކޫލުގައި ކިޔެވުމުގެ އިތުރުން އެތައްކަމެއް ކުރުމުގެ ފުރުޞަތުތައް ފަހިވެފައި އޮތް ކަމަށެވެ. ސްކޫލްތެރޭގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީޗަރުންގެ ގާތްކަމާއި އޯގާތެރިކަން ލިބުންކަން އޭނާ ފާހަގަ ކުރިއެވެ. ޓީޗަރުންނަށްވުރެ ބޮޑަށް ރަޙުމަތްތެރިކަން އިޙުސާސްވާކަން ޝައްފާން ފާހަގަކުރެއެވެ. ސީރިއަސް ޓީޗަރުންނާއެކު ވެސް އުފާވެރި މާޙައުލެއް ސްކޫލުތެރެއިން ފެނުނުކަން ޝައްފާން ކިޔައިދިނެވެ. އެ ސަބަބަށްޓަކައި ސްކޫލަށް ޤަވާއިދުން ދާ ހިތްވާކަމަށާއި ކިޔަވާހިތްވާކަން އޭނާ ފާހަގަކުރިއެވެ.
އިތުރަށް ޝައްފާން ކިޔައިދިންގޮތުގައި ކުޅިވަރުގެ ކަންކަމުގައި އުޅެވޭވަރުން އެއްވެސް މީހަކަށް ކިޔެވުމުގައި އޭނާއަށް ރަނގަޅު ނަތީޖާއެއް ހޯދި ދާނެކަމަށް ޤަބޫލްކުރެވިފައި ނުވެއެވެ. އެހެންނަމަވެސް ކިޔަވައިދިނުމަށްޓަކައި މަންމަ އުފުލި ބުރަ ޝައްފާން ބަލައިގަނެއެވެ. އެހެންކަމުން މަންމަ ދެރަވެ މާޔޫސް ކޮށްލަން ބޭނުންނުވީއެވެ. މަންމަ ކިޔަވާށޭ ބުނެ ބުނެ އޮއްވައިވެސް ބޮޑަށް އުޅެވުނީ ކުޅިވަރުގެ ކަންކަމުގައެވެ. މޮކްޓެސްޓު ފެށުނީ ކުރިކެޓްކުޅެން އޮމާނަށް ގޮސް އައި ދުވަހާ ޖެހުނު ދުވަހެވެ. އެހެންކަމުން މޮކް ޓެސްޓުގެ ނަތީޖާ އެދެވޭ ގޮތަށްކަށް ނުލިބުނެވެ. އެކަމާ މަންމަ ވަރަށްދެރަވިތަން ޝައްފާނަށް ފެނުނެވެ.
މޮކް ޓެސްޓު ނިމުނުތަނާ ކޮވިޑްއާ ގުޅިގެން ލޮކްޑައުންވިއެވެ. ކޮވިޑްގެ ހާދިސާވެސް ޝައްފާނަށްވީ ރަޙްމަތަކަށްކަން އޭނާ ފާހަގަ ކުރިއެވެ. ސަބަބަކީ ޝައްފާންމެންގެ ޓެސްޓު ލަސްވެ ކިޔަވަން އިތުރު ވަގުތު ލިބުމެވެ. ކުރިން އޮކްޓޫބަރު މަހު ހަދަން އޮތް ޖީސީއީ އޯލަވެލް އިމްތިހާން ޖެހިގެން އައި އަހަރުގެ މެއި ޖޫންމަހަށް ބަދަލުވީއެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ޝައްފާން ހިފިކަމަށް އޭނާ ބުނެއެވެ. ޔޫޓިއުބުން ފިޒިކްސްގެ އެކްސްޕެރިމެންޓުތައް ވެސް ބަލައި ޝައްފާންގެ ސްޓައިލުގައި ޓެސްޓަށް މަސައްކަތް ކުރިއެވެ. ނަތީޖާއަކީ ސްކޫލް ޓޮޕް 3 ވަނައިގައި އޭނާ ހިމެނުމެވެ. އެއީ ޓިއުޝަން ނުނަގާ އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ޤަބޫލްކުރެއެވެ.
ޝައްފާންގެ ހުވަފެނަކީ ހަމަޖެހޭ ބާއްޖަވެރި ދިރިއުޅުމެއް ލިބުންކަން އޭނާ ހާމަ ކުރެއެވެ. އެއީ ޙަޔާތުގެ ހަމަ ޖެހުމާއި މާލީ ގޮތުން ހަމަޖެހުމާއި މާ ބޮޑު ހާސްކަމެއްނެތި ދިރި އުޅުމުގައި ކުރިއަށް ދިޔުމެވެ. މަސައްކަތެއްގެ ގޮތުގައި އޭވިއޭޝަން ދާއިރާގެ މަސައްކަތްތަކަށް ވަރަށް ލޯބިކުރެއެވެ. ޝައްފާން މިހާރު ވަޒީފާ އަދާ ކުރަނީ އެދާއިރާގައެވެ. ޝައްފާން ބުނީ އޭނާ ވަޒީފާއަށް ދަނީ ރުފިޔާގެ ބޭނުމަށްވުރެ ބޮޑަށް އޭވިއޭޝަން ދާއިރާއަށް އޮންނަ ޝަޢުޤުވެރިކަމާއި ލޯތްބައްޓަކައި ކަމަށެވެ. އުއްމީދަކީ އޭވިއޭޝަން އިނޖިނިއަރަކަށް ވުމެވެ.
ޝައްފާން އެހެން ޒުވާނުންނަށް ދޭ މެސެޖަކީ ނުކެރި ނުތިބުމަށެވެ. މި ދުނިޔޭގައި އެކަކުވެސް ވަނީ ބަނދެވިފައެއް ނޫންކަން ހަނދާންކޮށްދީ، ހިތް ބުނާ ދިމާލަކަށް ގޮސް ހުވަފެން ކާމިޔާބުކުރުމަށް ހެޔޮގޮތުގައި މަސައްކަތް ކުރުމަށް އޭނާ ބާރުއަޅައެވެ. ޝައްފާނަށް ހެޔޮނުބައި ދަސްވީ މަންމަ ނުހިފަހައްޓައިމ ދަސްކުރަން ހުޅުވައި ދިން ފުރުޞަތުން ކަމަށާއި އެކަމަށް އަބަދުވެސް ނިހާޔަތަށް މަންމައަށް ޝުކުރުވެރިވާކަމަށް އޭނާ ބުނެއެވެ.
އަޅުގަނޑު އެދެނީ މި ކެރޭ ހުނަރުވެރި ޒުވާން ޝައްފާނަށް ކުރިއެރުމާއި ފާގަތިކަމެވެ. އޭނާގެ އެ މަޖާ އުފާވެރި ސަކަ މިޒާޖާއެކު ހަމަޖެހޭ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ލިބުމެވެ. ފަސޭހަކަމާއެކު އަވަސް ގޮތަކުން ޝައްފާންގެ ހުވަފެން ހަޤީގަތަކަށް ވުމެވެ. ހެޕިނަސްކްލަބުގެ ފަރާތުން ހެޔޮ ދުޢާއެވެ.