ހައްޖުގެ އަގު ދަށްކުރަން ހައްޖު ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރާކަމަށާއި އެ މަސައްކަތުގެ ނަތީޖާ ދެތިން އަހަރުތެރޭ ފެންނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހައްޖުގެ އަޅުކަމަށް ބޮޑު ހޭދައެއް ފެށުނީއްސުރެ ވެސް ކުރަންޖެހޭކަމަށެވެ. އަދި މީގެ ކުރިން ހައްޖު ވުމަށް މައްކާއަށް ދިއުމަށް ކުރާ ދަތުރުގެ ދިގުމިނުގައި އަހަރު ދުވަސް ހޭދަވެފައި ހުރިކަން އޭނާ ފާހަގަ ކުރެވިއްއެވެ.
ނަމަވެސް، މިހާރު އެ ދިގު ދަތުރު ކުރުކޮށް ތަކުލީފު ކުޑަކުރެވޭނެ ގޮތްތަކެއް ބަލަންޖެހޭ ކަމަށާއި މި ދަތުރުގެ ތެރޭގައި ބަލިމީހުންނާއި ދުވަސްވީމީހުންނައް ލިބޭ ވޭނާއި ހިތާމަތައް ފެންނާނީ އެކަމުގެތެރޭގައި އުޅޭ މީހުނަށް ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.
"މިއަދު ހައްޖު ކޯޕަރޭޝަނުން ހައްޖުގެ އަޅުކަމަށް އެނަގާ ފައިސާ އަކީ މީގެ 11 އަހަރު ކުރިން ހަމަޖައްސާފައިވާ އަގެކެވެ. މިއަދާ ހަމައަށް އައިއިރު ސައުދީގައި ޓެކްސްތަކަކާއި ތަކެތީގެ އަގުތައްވަނީ ތިން ގުނަ ބޮޑުވެފައެވެ،" އޭނާ ލިޔުއްވާފައި ވެއެވެ.
ކަން މިހެންއޮތް ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިންގެ އަތުން ހައްޖުގެ އަޅުކަމަށް އިތުރަށް ފައިސާ ނުނެގުމަށް އަންގަވާފައި ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ. އަދި މިހާރުގެ އަގަށްވުރެ ހައްޖުގެ އަޅުކަމުގެ އަގު ކުޑަކޮށްދެއްވުމަށް އެދިވަޑައިގެންފައި ވާތީ އެމަސައްކަތް ވެސް މިހާރު ފަށައިފައި ވާކަމަށް ލިޔުއްވާފައި ވެއެވެ.
"މާތްﷲ ގެ ވާގިފުޅާއެކު ކުރިއަށް އޮތް ދެތިން އަހަރެއްގެތެރޭ އެ ނަތީޖާ ފެންނާނެ،" އޭނަ ލިޔުއްވާފައި ވެއެވެ.
އޭނާ މިފަދައިން ލިޔުއްވާފައި ވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވެސް މީގެ ކުރިން ވަނީ ހައްޖުގެ އަގު ދަށްކުރަން މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ނަތީޖާ ދެ އަހަރެއް ތެރޭ ފެންނާނެ ކަމަށް ވަޒީރު ވެސް ވިދާޅުވިއެވެ.
އޭރު ޝަހީމް ވިދާޅުވީ، ހައްޖުގެ އަގު ހެޔޮ ކުރުމަކީ "އެއްދުވަހުން ދެދުވަހުން" ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ. އެކަމަށް ސިޔާސަތުތަކެއް ކަނޑައަޅައި، އިގުތިސާދީ ވިސްނުންތަކެއް ކުރިއަށް ނެރެން ޖެހޭ ކަމަށާއި ހައްޖު ކޯޕަރޭޝަނުން މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވަނީ ހައްޖުގެ އިތުރުން އުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.