ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެންބަރުންތަކެއް ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ޖަލްސާ ކުރުކޮށްލައި، އެންމެ ތިން ގަޑިއިރު ތެރޭ ނިންމާލައިފިއެވެ.
ރޯދަމަހުގެ ފަހު 10ގެ ޗުއްޓީ ނިންމައި އެނބުރި މަސައްކަތަށް މަޖިލިސް އައިސް މި ދެތިން ހަފުތާތެރޭ ގިނަ ޖަލްސާތައް ނުބާއްވާ ކެންސަލްކޮށްފައިވެއެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކަކާއި ތުހުމަތުތަކެއް ވަނީ މަޖިލީހުގެ ރިޔާސަތަށާއި ސަރުކާރަށް އަމާޒުވެފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.
ޗުއްޓީން އެނބުރި އައިސް ފުރަތަމަ ހަފުތާ ވެސް މަޖިލީހުގައި ބޭއްވީ އެންމެ ޖަލްސާއެކެވެ. އެ ހަފުތާގައި ހޯމަ ދުވަހު ޖަލްސާ ބޭއްވުމަށް ފަހު އަންގާރަ އަދި ބުދަ ދުވަހުގެ ޖަލްސާ ކެންސަލް ކުރިއެވެ. އެއަށްފަހު މި ހަފުތާގައި ވެސް ބޭއްވީ އެންމެ ޖަލްސާއެކެވެ. ހޯމަ އަދި އަންގާރަ ދުވަހު ޖަލްސާ ކެންސަލްކޮށް މިއަދު ވަނީ ޖަލްސާ ބާއްވައިފައެވެ.
ނަމަވެސް މިއަދުގެ ޖަލްސާ ވެސް ގާތްގަނޑަށް ތިން ގަޑިއިރަށް ކުރިއަށް ގެންގޮސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޖަލްސާ ނިންމާލައިފައެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
ސަބަބަކަށްވީ ގިނަ ކޮމިޓީ މަސައްކަތްތައް ހުރުމުން އެ މަސައްކަތަށް ތަން ދިނުމެވެ. ނަމަވެސް އޭރު ހިނގަމުންދިޔައީ ބަހުސްގެ މަރުހަލާ ކަމުން ގިނަ މެންބަރުންތަކެއް ތިބީ ބަހުސްކުރުމަށް ފުރުސަތަށް އެދިގެންނެވެ.
އޭރު ތަޅުމުގައި ބަހުސްކުރަމުން ދިޔައީ ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ބޯހިޔާވަހިކަމުގެ ބިލަށެވެ.
"މި ބިލަކީ ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން ބަހުސްކުރަން ބޭނުންފުޅުވާ ބިލެއްކަން އަޅުގަނޑަށް އެބަ އެނގޭ. ޕޯޓަލަށް ބަލާލީމަ ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން އެބަހުރި ފުރުސަތަށް އެދިވަޑައިިގެންފަ. ނަމަވެސް ވަރަށް ގިނަ ކޮމިޓީތަކުގެ މަސައްކަތް މިވަގުތު ވެސް ކުރިއަށް އެބަދޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
"މިހާ ހިސާބުން އަޅުގަނޑު ބަހުސް މެދުކަނޑާލާނަން. މެދުކަނޑާލާފަ ދެން މަޖިލިސް އޮންނަ ދުވަހެއްގައި ބަހުސް ކުރިއަށްގެންދާ ގޮތަށް އަޅުގަނޑުގެ ވިސްނުން މިހުރީ. މިހާ ހިސާބުން އަޅުގަނޑު ޖަލްސާ ނިންމާލަން ގަސްތުކުރަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރިއިއިރު މަޖިލީހުގެ އިދާރާއިން ރަސްމީ ސަބަބެއް ނާންގައެވެ.
އެކަމަކު، 'ސަން'އާ ވާހަކަދެއްކި ބައެއް މެންބަރުން ވިދާޅުވީ، ޖަލްސާތައް ނުބާއްވަނީ މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނެތުމުން ކަމަށެވެ.
ތަޅުމުގައި މެންބަރު މީކާއީލް ބަހުސްކުރައްވަނީ -- ފޮޓޯ/ މަޖިލިސް
މަޖިލީހަށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވަންޖެހޭ ބިލުތައް ނުފޮނުވާ ލަސްވާ ކަމަށާއި މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނަނީ އެހެންވެ ކަމަށް މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ތުހުމަތުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވަޒީރުން މަޖިލީހުން ހާޒިރުކުރަން މެންބަރުން އެދުމުން ވެސް އެ ބޭފުޅުން ހާޒިރުނުކުރާތީއާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ގަރާރެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.
އޭނާ ވަނީ ބައެއް ވަޒީރުންނާ ސުވާލުކުރުން އެޖެންޑާނުކޮށް ލަސްކުރައްވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް ތުހުމަތުކުރައްވައިފައެވެ. އެގޮތަށް ތުހުމަތުކޮށް ގަރާރު ހުށަހަޅާފައި އޮއްވައި މިއަދަށް އެޖެންޑާކުރީ ހޯމް މިނިސްޓަރު އަލީ އިހުސާނާ ކުރުމަށް ހުރި ސުވާލުތަކެވެ. އެ ސުވާލުތަކަކީ މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަހަރުގެ ކުރީކޮޅު ނެގުމުގެ ކުރިން މިނިސްޓަރާ ކުރުމަށް ހުށަހެޅި ސުވާލުތަކެއް ކަމަށް ވެސް މީކާއިލް މިއަދު ވިދާޅުވިއެވެ.
އަދި، ރިޔާސަތުން މަގުބޫލު އެއްވެސް ސަބަބެއް ނެތި، މަޖިލީހުން ވަކި ގޮތެއް ވެސް ކަނޑަނާޅައި ޖަލްސާތައް ނުބާއްވާތީ ވެސް މީކާއިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެހެންވެ، މަޖިލީހުގެ ޒިންމާތައް އަދާކުރަން ހުރަސްއެޅޭ ކަމަށް މީކާއިލްގެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
މަޖިލީސް މެންބަރުންގެ މުސާރައާ އެކަށިގެންވާ މަސައްކަތެއް އެ މެންބަރުން ނުކުރާ ކަމަށް ބުނެ އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ގޮތުން މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރަ މާ ބޮޑު ކަމަށް ބުނެ، އެ މުސާރަ ކުޑަކުރަން ގޮވާލައި މި ފަހުން ޕެޓިޝަނެއްގައި ވެސް ބައެއް މީހުން ސޮއިކުރިއެވެ.