އުތުރު ތިލަފަޅުގައި ހަދާ މަރުކަޒީ ޖަލާއި ކުށްކުރާ ކުދިންގެ އިސްލާހީ މަރުކަޒު ނުވަތަ "ހޯޕް އައިލެންޑް" ތަރައްގީކުރާ ބަޔަކަށް ފުލުހުންގެ ޓްރެއިނިން ރަށް ދ. ވާނީއާއި ދެ ފަޅެއް ދޭ ގޮތަށް މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
އުތުރު ތިލަފަޅުގައި މަރުކަޒީ ޖަލެއް ތަރައްގީކުރުމަށާއި، ހޯޕް އައިލެންޑް ތަރައްގީކުރުމަށް ބޭނުންވާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ކުންފުނިތަކަށް ހޯމް މިނިސްޓްރީން ވަނީ އެ ފުރުސަތު ހުޅުވާލައި އިއުލާނެއް ކޮށްފައި ވަނީ މިއަދުއެވެ.
އެ އިއުލާނުގައިވާ ގޮތުގައި އޭޕްރީލް 1، 2025ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޤަރާރުގެ ދަށުން ފާސްކޮށްފައިވާ މި ދެ މަޝްރޫއަކީ މިހާރު ހުރި ހުރިހާ ޖަލު ޔުނިޓުތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ފެސިލިޓީއަކަށް ހެދުމަށްޓަކައި 'ސެންޓްރަލައިޒްޑް ޕްރިޒަން ކޮމްޕްލެކްސް'އެއް ނުވަތަ މަރުކަޒީ ޖަލެއް ގާއިމްކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުހިންމު ގައުމީ މަސައްކަތެކެވެ. އަދި ހޯޕް އައިލެންޑް މަޝްރޫއަކީ ގާނޫނާ ޚިލާފަށް ކުށްކޮށްގެން ގެންނަ ކުޑަކުދިންނަށް ދިގު މުއްދަތަކަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ރިހެބިލިޓޭޝަން އެންޑް ސޯޝަލް ރީއިންޓަގްރޭޝަން ފެސިލިޓީއެއް ގާއިމުކުރުމުގެ ގައުމީ ސްޓްރެޓެޖީގެ ދަށުން ފެށި ޕްރޮޖެކްޓެކެވެ.
ކްރޮސް ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުން ކުރިއަށް ގެންދާ މި ދެ މަޝްރޫއުގެ ދަށުން ހޮވޭ އިންވެސްޓަރަށް ފެސިލިޓީގެ ކެޕިޓަލް އަދި އޮޕަރޭޝަނަލް ކޮސްޓް ފޫބައްދައި، ވިޔަފާރީގެ ގޮތުން ފައިދާހުރި ކޮމްޕޯނެންޓްތައް ހުށަހެޅޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހަޅަން ޖެހޭނީ ހޯމް މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށެވެ.
އަދި ހުރިހާ ހުށަހެޅުންތަކެއް އޭޕްރީލް 27، 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މައި ޖަލުގެ އާބާދީ ގާތްގަނޑަކަށް 6،000އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހޯމް މިނިސްޓްރީން އެކުލަވައިލި މަޝްރޫއުގެ ޓާމް ޝީޓުގައިވެއެވެ. އޭގެ ތެރޭގައި ރަށްވެހިންނާއި، ތައުލީމީ ދާއިރާގެ މީހުންނާއި، ސްޓާފުންނާއި، ޒިޔާރަތްކުރާ މީހުން ވެސް ހިމެނެއެވެ.
މަޝްރޫއުގެ ދަށުން ޖަލު ތަރައްގީކުރާއިރު ޖަލުގައި ހުންނާނެ ތަންތަނަކީ:
- ރެސިޑެންޝަލް ޔުނިޓްސް
- ވޮކޭޝަނަލް ޓްރެއިނިން އަދި ރިހެބިލިޓޭޝަން ފެސިލިޓީސް
- އެޑިއުކޭޝަނަލް ފެސިލިޓީސް
- ރިކްރިއޭޝަނަލް އެންޑް ސްޕޯޓްސް ފެސިލިޓީސް
- މެޑިކަލް ފެސިލިޓީސް
- ޑްރަގް ރިހެބިލިޓޭޝަން އެންޑް ޑިޓޮކްސް ފެސިލިޓީސް
- މިސްކިތް
- ރަސްމިއްޔާތުތައް ބާއްވާ ބިން
- ހާފްވޭ ހައުސް
- ޖަލު ގޮޅިތައް ނުވަތަ ޖަލު ޔުނިޓްތައް
- އެޑްމިނިސްޓްރޭޓިވް އިންފްރާސްޓްރަކްޗާ
- މެސް ހޯލްސް
- ޔުޓިލިޓީ ޚިދުމަތްތައް
- ކޯޓު ފެސިލިޓީ
- ކަރެކްޝަނަލް ސާވިސް ހެޑްކުއާޓާސް
ހޯޕް އައިލެންޑް ތަރައްގީކުރަނީ އުތުރު ތިލަފަޅުގެ 15 ހެކްޓަރު ހިއްކައިގެންނެވެ. އަދި އެ ތަނުގައި 700 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ޓާމް ޝީޓުގައިވެއެވެ. މި މަޝްރޫއު އޮކްޓޯބަރު 2027ގެ ނިޔަލަށް ނިންމަން ވެސް ޖެހެއެވެ.
މި ދެ މަޝްރޫއަށް ބޭނުންވާ ބިން، އުތުރު ތިލަފަޅުން ހިއްކުމާއެކު މުޅި މަޝްރޫއު ހިންގުމުގެ ބަދަލުގެ ގޮތުގައި އިންވެސްޓަރަށް ލިބޭނީ ވާނީއާއި އެ ރަށާ ގުޅިފައިވާ ދެ ފަޅެކެވެ.
މި ދެ މަޝްރޫއު ހިންގުމަށް ބޭރުގެ އިންވެސްޓަރުންނަށް ވެސް ކުރިމަތިލެވެއެވެ.
މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވާ ގޮތުން ނަމަ ހޯޕް އައިލެންޑް ތަރައްގީކުރުމަށް 15 މިލިއަން ޑޮލަރު އަދި ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އަދި މައި ޖަލު ތަރައްގީކުރުމަށް 15 މިލިއަން ޑޮލަރު އަދި ބިން ހިއްކުމަށް 15 މިލިއަން ޑޮލަރު ހޭދަވާނެއެވެ.